ނ. ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް ކޮމިޝަން ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީ އާއި ފެނަކަ ކުންފުނީގެ އިސްބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފޮއްދޫގައި ފެން ޕްލާންޓު ބެހެއްޓުމަށްޓަކައި ފެސިލިޓީ އިމާރާތެއް އިމާރާތްކޮށް، ފެނާއި ނަރުދަމާގެ ހޮޅީގެ މައި ނެޓްވޯކު އަޅައި، ގޭގެއަށް ފެނާއި ނަރުދަމާ ގުޅައިދީފައިވާ ކަމަށާއި، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ސީ އައުޓް ފޯލް އަދި ރިޖެކްޓު ލައިނެއް އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ފޮއްދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ ނޮވެމްބަރު 15، 2020 ގައެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ފަށާފައި ވަނީ ޖުލައި 14، 2021 ގައެވެ.

540 ދުވަހުގެތެރޭ އެ މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް 58.1 މިލިއަން ރުފިޔާ އަށް އެމްޑަބްލިއުއެސްސީ އާ ސަރުކާރުން ހަވާލުކުރި ނަމަވެސް، މަޝްރޫއުގެ މަސައްކަތްތައް މުޅިންހެން ނިންމާލެވި ކޮމިޝަންކުރެވިގެން ދިޔައީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ 772 ދުވަސް ފަހުންނެވެ.