ބާޒާރުން ފިޔާ ވިއްކާ އަގު ބޮޑު ކުރުމާ އެކު ކަންމަތީ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކާ އަގު 18 ރުފިޔާއަށް ބޮޑު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މާލޭގައި ހިންގާ ފިހާރައެއްގެ ސޭޓެއް ބުނީ، މިހާރު ބާޒާރުން ފިޔާ ބަސްތާއެއް ލިބެނީ 350 ރުފިޔާއާއި 320 ރުފިޔާ އާ ދެމެދުގެ އަގަކަށް ކަމަށެވެ. އެހެންކަމުން އެ ފިހާރައަށް ބާޒާރުން ފިޔާ ގަންނަނީ ބަލައިގެން އަގު ހެޔޮކޮށް ތާޒާ ފިޔާ ލިބޭ ތަންތަނުން ކަމަށް ވިޔަސް އަގުތައް އުފުލިފައި ހުރި ކަމަށެވެ. އެގޮތުން އިއްޔެ އެ ފިހާރައަށް 25 ކިލޯގެ ފިޔާ ބަސްތާއެއް ގަނެފައި ވަނީ 320 ރުފިޔާއަށް ކަމަށާއި 10 ކިލޯގެ ލޮނުމެދު ބަސްތާއެއް ގަނެފައި ވަނީ 550 ރުފިޔާއަށް ކަމަށް އޭނާ ބުންޏެވެ.

ފިޔާގެ އަގު ބޮޑު ވުމާ ގުޅިގެން މިހާރު އެ ފިހާރައިން ފިޔާ ވިއްކާ އަގަށް ވެސް ވަނީ ބަދަލު ގެނެސްފައި ކަމަށް އޭނާ ބުނެއެވެ. އެގޮތުން ކުރިން 12 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކި ނަމަވެސް މިހާރު ފިޔާ ކިލޯއެއް ވިއްކަމުން އަންނަނީ 18 ރުފިޔާއަށް ކަމަށް އޭނާ ބުނެއެވެ.

ބާޒާރުން ފިޔާގެ އަގު އުފުލުމާ އެކު ކަންމަތީ ފިހާރައިން ފިޔާ ކިލޯއެއް ވިއްކާ އަގުން މި ވަނީ މިހަފްތާގައި 6 ރުފިޔާ ބޮޑު ކޮށްފައެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ބާޒާރުން ފިޔާގެ އަގު އުފުލިފައި މި ވަނީ އިންޑިއާއިން ފިޔާ ލިބުމުގައި އުނދަގޫތަކެއް ކުރިމަތިވެގެންނެވެ.

ދުނިޔޭގައި އެންމެ ގިނައިން ފިޔާ ބޭރުކުރާ ގައުމު ކަމަށް ވާ އިންޑިއާއިން ފިޔާ ޝޯޓޭޖަކާ ކުރިމަތިލާން ޖެހުމުން އެ ގައުމުން ފިޔާގެ އަގު ބޮޑު ކޮށް ވިއްކާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މަހުގެ 19 ވަނަ ދުވަހު އިންޑިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އިންޑިއާއިން ފިޔާގެ ބާވަތްތަކުން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް 40 ޕަސެންޓް އެކްސްޕޯޓް ޑިއުޓީ އެއް ނަގާނެއެވެ.

މި އެކްސްޕޯޓް ޑިއުޓީގެ ސަބަބުން ޕާކިސްތާން، ޗައިނާ އަދި މިސްރުގެ ފިޔަޔަށް ވުރެ އިންޑިއާގެ ފިޔާ އަގުބޮޑުވާނެ ކަމަށާއި މިކަމުގެ ސަބަބުން އެކްސްޕޯޓް ދަށްވެ ލޯކަލް އަގުތައް ހެޔޮކުރުމަށް މަގުފަހިވާނެ ކަމަށް މުމްބާއީގެ އެކްސްޕޯޓަރެއް ކަމަށްވާ އަޖިތު ޝާހު ވަނީ ބުނެފައެވެ.

އިންޑިއާގެ ބާޒާރެއްގައި ފިޔާ ވިއްކަން އިން ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ދަ ހިންދޫ

އިންޑިއާގައި ފިޔާ އުފެއްދުން ދަށްވެފައި މިވަނީ ޖޫން ޖުލައި ގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަމަށް ބައެއް ފާރްތަތަކުން ބުނެއެވެ. އެގޮތުން އިންޑިއާގައި އެވްރެޖްކޮށް ފިޔާ ހޯލްސޭލް ކުރާ އަގު މިދިޔަ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ތެރޭގައި ވަނީ ގާތްގަނޑަކަށް 20 ޕަސެންޓް އުފުލިފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން ފިޔާ ވިއްކާ އަގު އުފުލުމާއި ފިޔާގެ އެކްސްޕޯޓް ޑިއުޓީ ބޮޑުކުރުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ހަވާލާ ދީ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައި ވަނީ ރާއްޖޭގައި ފިޔާގެ އަގުބޮޑުވުމާއި އެކްސްޕޯޓް ޑިއުޓީއާ ގުޅުމެއް ނެތް ކަމަށެވެ. އަދި އޭގެ އަސަރު ނުކުރާނެ ކަމަށާއި ސަބަބަކީ، ރާއްޖެއަށް ފިޔާ އެތެރެ ކުރަނީ އިންޑިއާ އިން ހާއްސަ ޓެރިފެއްގައި ކަމަށް އޭނާ ވިދާޅުވެއެވެ.

ފިޔާގެ އަގު އުފުލުމާ ގުޅިގެނަ އަޅާ ފިޔަވަަކުތައް ބެލުމަށް އެސްޓީއޯއަށް ގުޅުނު ނަމަވެސް އަދި އެ ކުންފުނިން މި ކަމާ ގުޅިގެން މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ފިޔާގެ އަގު އަދިވެސް އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިޔަފާރިވެރިން ބުނެއެވެ،

މީގެ ކުރިން ބާޒަަރުގައި ފިޔާގެ އަގު ބަސްތާއެއް 900 ރުފިޔާއަށް ވެސް އަރައިގެން ދިޔައެވެ.