ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް ހާއްސަ ރިޓަޔާމަންޓް ޕެންޝަން ސްކީމެއް ތައާރަފް ކުރުމަށާއި އެ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހައުސިންގް ސްކީމެއް ތައާރަފް ކުރަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ޖުމްލަ 19 ޗެޕްޓަރުގެ މައްޗަށް އެކުލަވާލާފައިވާ މުއިއްޒުގެ މެނިފެސްޓޯ "ދިވެހީންގެރާއްޖެ" ގެ 16 ވަނަ ޗެޕްޓަރު ކަމުގައި ވާ ފަތުރުވެރިންގެ ބައިން ފުއްދައިދެއްވާނެ 18 ކަމެއް ވަނީ ހިމަނާފައެވެ. އެގޮތުން ބުނެފައި ވަނީ، ޓީޖީއެސްޓީ 12 ޕަސެންޓުން 16 ފަސެންޓަށް އިތުރުކޮށްފައި ވާއިރު، އެ އާމްދަނީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންގެ ބޮޑު ހިއްސާއެއް އޮވެގެން ލިބެމުންދާ އާމްދަނީއެއް ކަމުން އެ މުވައްޒަފުންނަށް ހާއްސަ ރިޓަޔާމަންޓް ޕެންޝަން ސްކީމެއް ގާއިމު ކުރާނެ ކަމަށެވެ.
ހަމައެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާ ކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފު ކުރަން ވަނީ ނިންމާފައެވެ. އެގޮތުން މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިން ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ވަނީ ހިމަނާފައެވެ.
މުއިއްޒު މެނިފެސްޓީގެ ފަތުރުވެރިންގެ ޗެޕްޓަރުގައި ހިމެނޭ ބައެއް ކަންކަން:
- ބައިނަލްއަގްވާމީ ފެންވަރަށް ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަރުވަން ގާނޫނީ އޮނިގަނޑު އިސްލާހުކުރުން
- ރިސޯޓުތަކުގެ ސީނިއާ މެނޭޖްމަންޓް މަގާމުތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރަން ރިސޯޓުތައް ހިންގާ ފަރާތްތަކަށް އިތުރަށް ބާރުއެޅުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން
- ރާއްޖޭގެ ދެކުނާއި އުތުރުގައި ގިނަ އަތޮޅުތަކެއް ހިމެނޭގޮތަށް ފަތުރުވެރިކަމުގެ މަރުކަޒީ ސަރަހައްދުތަކެއް ގާއިމުކުރުން
- ހަދަންފަށާ ނުނިމިވާ ރިސޯޓުތައް އަވަހަށް ނިންމައި ހުޅުވަން ބޭނުންވާ ފައިސާ ހޯދުމަށް ސީދާ ސަރުކާރުން އިސްނަގައި އެހީތެރިވެދީ އާ ލުއިފަސޭހަ ހައްލުތަކެއް ނެރެދިނުން
- ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ދިވެހި މުވައްޒަފުންގެ މެދުގައި މެންޑަރިން، ފްރެންޗް، ޖާމަން، ރަޝިއަން އަދި ކޮރިއަން ފަދަ ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ 1000 ފުރުސަތު ފަހިކޮށްދިނުން
- ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެޅޭ ބާރެއްގެ ގޮތިގައި "މޯލްޑިވިއަން" އިން ފަތުރުވެރިންގެ އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނަގަމުންދާ މިންވަރު މުރާޖާކޮށް ފަތުރުވެރިންގެ އަދަދު އިތުރުވާނެ މިންވަރެއްގައި ދެމެހެއްޓުން
- ޕީޕީއެމް އިން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބިޔަ މަޝްރޫއު ނިމުމާއެކު އިތުރުވާނެ ޑިމާންޑަށް ރިއާޔަތްކޮށް މާލެއާއި ހުޅުމާލޭގައި އިތުރު ޓްރާންސިޓް ހޮޓާތަކެއް އެޅުމަށް މަގުފަހިކޮށްދިނުން
- ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވައިޑް ބޮޑީޑް އެއާކްރާފްޓެއް ކުއްޔަށް ގެނެސް ނޮންސްޓޮޕް ޑައިރެކްޓް ފްލައިޓްތައް ޗައިނާގެ މުހިންމު ޑެސްޓިނޭޝަންތަކާ ދެމެދު ފެށުން .
- ސ. ގަން އެއާޕޯޓު ތަރައްގީކޮށް އުދުހޭ މަންޒިލްތައް ގިނަކުރުން.
- އައްޑޫ ސިޓީގައި 6000 އެނދުގެ 'އައްސޭރި ޓޫރިޒަމް' މަޝްރޫއެއް ހިންގާ ސީޕްލޭން ހަބެއް ގާއިމުކޮށް 10,000 ވަޒީފާ އުފެއްދުން
- އައްޑޫ ވިލިނގިލި 2024 ގެ ކުރީކޮޅު އޮޕަރޭޝަނަށް ގެނައުން
މުއިއްޒުގެ މެނިފެސްޓޯގެ ފަތުރުވެރިންގެ ޗެޕްޓަރުގައި ގެސްޓްހައުސް ވިޔަފާރިއަށް މިހާރު އެކަށައެޅިފައިވާ ޓެކްސްތައް ބޮޑުތަނުން ކުޑަކޮށް އެވިފަޔާރި އަކީ މުޅި ރާއްޖޭގައި ވެސް ބާރަށް ކުރިއަރައިގެންދާ ވިޔަފާރިއަކަށް ހަދާނެ ކަމަށް ވަނީ ބުނެފައެވެ. ކުދި އަދި މެދު ފަންތީގެ ޒުވާން ވިޔަފާރިވެރިންނަށް ގެސްޓްހައުސް ވިޔަފާރިން ފައިދާވާނެ ގޮތަށް ނިޒާމު ބައްޓަން ކުރަން ވެސް ވަނީ ނިންމާފައެވެ.
ހަމައެއާއެކު ދިވެހި ޓްރެވަލް އޭޖެންޓުން ކުރިއަރުވައި އެފަރާތްތަކުން ދޭ ހިދުމަތުގެ ފެންވަރު އެކަށައަޅައި ބޭރުގެ ޓްރެވަލް އޭޖެންޓުން ރާއްޖޭގައި ރަޖިސްޓްރީ ކުރުން ރެގިއުލޭޓްކޮށް އޮންލައިން ޓްރެވަލް އޭޖެންސީތަކާ ބެހޭ ގަވާއިދުތަކެއް ހެދުމަށް ޓްރެވަލް އޭޖެންސީއާބެހޭ ގާނޫނެއް ފާސްކުރުމާއި، ރިސޯޓުތައް ތަރައްގީ ކުރުމުގައި ދިވެހި ޒުވާން މަސައްކަތްތެރިން އެންމެ މަތީ ފެންވަރުގެ ހުނަރާއި ތައުލީމާއި ތަޖުރިބާ ހުރި އާކިޓެކްޗާ އިންޓީރިއާ ޑިޒައިނިން، އެމްއީޕީ ކޮންސަލްޓަންސީ އާއި އިންޖިނިއަރިން، ކަރަންޓާއި ދެމެހެއްޓެނިވި ހަކަތަ އިންޖިނިއަރިން އަދި އައިޓީ އާ ގުޅުން ހުރި ދާއިރާތަކުން ބޭރުގެ ކުންފުނިތަކަށް ފުރަތަމަ ފުރުސަތު ދިނުން ހުއްޓުވުމަށް ގަވާއިދުތަކެއް ހަދާ ތަންފީޒު ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި މިހާރު ގެންގުޅޭ އުސޫލު އިސްލާހުކޮށް ވަންނަ އިންވެސްޓްމަންޓްގެ ބޮޑު މިނާއި އެއިން މާލިއްޔަތަށާއި ސީދާ ރައްޔިތުންނަށް ކުރާނެ ނަފާއާއި ފައިދާއަށް ދެވޭ އަހަންމިއްޔަތަށް ބޮޑަށް ބުރަވެވޭނެ ފަދަ ހާމަކަން ބޮޑު އާ އުސޫލެއް ތައާރަފު ކުރަން ވެސް ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެނުން އިތުރު ކުރުމަށް ބާރު އެޅުމަށް ވެސް އެ މެނިފެސްޓޯގައި ހިމަނާފައި ވެއެވެ.