ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާއިން އިންވެސްޓަރުން ފައިބައިގެން ދާ މި ދަނޑިވަޅުގައި 323 މިލިއަން ޑޮަލަރުގެ އިންވެސްޓްމަންޓް ދޫކޮށްލުމަށް ފަހު ޖަރުމަނުގެ ހައިނަކަން އިން ވެސް ރަޝިއާއިން ފައިބައިފިއެވެ.

އެ ކުންފުނީގެ ސީއީއޯ ޑޮން ވޭން ޑެން ބްރިންކް ވިދާޅުވީ، ރަޝިއާ ކުންފުނީގައި ތިބި ހުރިހާ މުވައްޒަފުންނާއި ފެކްޓަރީތައް އެންމެ 1 ޔޫރޯ އަށް ވިއްކާލައި ރަޝިއާ ދޫކޮށްލީ ކަމަށެވެ. އަދި އެ މުއާމަލާތަކީ ގާނޫނި ހަމަތަކުގެ މަތިން ކުރި ސައްހަ މުއާމަލާތެއް ކަމަށާއި، ރަޝިއާ އޮޕަރޭޝަން ވިއްކާލި އިރު ތިބި 1800 މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ޔަގީން ކަމާއި ކުރިއަށް އޮތް 3 އަހަރަށް މުސާރަ ލިބޭނެކަންވެސް ޔަގީން ކުރައްވާފައި ވާ ކަމަށެވެ.

އަދި އެ ކުންފުނިން ރަޝިއާގެ އޮޕަރޭޝަންތައް ހުއްޓާލީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށުމާއެކު، އެގައުމުގައި އިންވެސްޓް ކޮށްގެން ތިބި ބޭރުގެ ގިނަ ވިޔަފާރިތަކުން ރަޝިއާ އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމު ދޫކޮށް ދާން ފެށުމާއެކުގައެވެ.

ރަޝިއާގެ ހައިނަކަން އޮޕަރޭޝަންތައް [ފެކްޓަރީތައް ހިމެނޭހެން] ގަތީ، ރަޝިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް އާއި ގެދޮރަށް ބޭނުންވާ ސާމާނާއި މެޓަލް ޕެކެޖިން އުފައްދާ ކުންފުނި އާނެސްޓް ގްރޫޕުންނެވެ.

ހައިނަކަން އަކީ ބިއަރު އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ރަޝިއާ އޮޕަރޭޝަން 1 ޔޫރޯ އަށް ވިއްކާލި އިރު އެގައުމުގައި ބިޔަރު އުފައްދާ 7 ފެކްޓަރީ އެބަހުއްޓެވެ.