މިއަހަރުގެ އިންތިހާބީ މަރުކަޒު ކަމަށްވާ ދަރުބާރުގެ އަދި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ، އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މައި އޮފީސް ސަރަހައްދުގައި ކެމްޕެއިން ބެނާ އަދި ދިދަ ނުދަމަން އިލެކްޝަނުން ރިޔާސީ ކެންޑިޑޭޓުންނަށް އަންގައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ދަރުބާރުގެ އަދި އީސީގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކުގެ އިތުރުން ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ދިދަ އަދި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އީސީއިން އަންގާފައި ވާނެ ކަމަށެވެ.

މިހާރު ހަރުކުރެވިފައިވާ އެފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށް ވެސް އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެއިތުރުން އާންމު ތަންތަނާއި، އަމިއްލަ މީހުންގެ އިމާރާތްތަކުގައި، ކެމްޕެއިން ކުރުމަށް އެފަދަ ތަކެތި ހަރުކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ އިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށް އީސީ އިން ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސް ކުރާ ކަމަށް ހަބީބް ވިދާޅުވެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ 8 ކެންޑިޑޭޓުން ވެސް އަންނަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ކެމްޕެއިން ބެނާތަކާއި ދިދަތައް މާލޭގެ ވެސް އެކި ސަރަހައްދުތަކުގައި ދަމާފައި ވާއިރު ކެމްޕެއިން ދަތުރުތަކުގައި ހުރިހާ ކެންޑިޑޭޓުން ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންނެވެ.

ކުރިއަތް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 ލިބިގެންވެއެވެ. އޭގެތެރޭގައި މި އަހަރު މުޅިން އަލަށް 21،000 ޒުވާނުން ހިމެނޭ ކަމަށް އީސީއިން ބުނެއެވެ.