ނ. އަތޮޅަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރިގައި ވެލިދުއަށް ވަަޑައިގަތުމުން އެމްޑީޕީގެ އެކްޓިވިސްޓުން ނިކުމެ މުއިއްޒަށް ހުރަސް އަޅައިފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ކެމްޕެއިން ލަވަ ޖަހަމުން އެ ރަށުތެރޭގައި ދަތުރު ކުރަމުން ދިޔަ ޕިކަޕެއް ހުއްޓުވައި އެމްޑީޕީ އެކްޓިވިސްޓުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ޕިކަޕުގައި ޖަހަމުން ދިޔަ ކެމްޕެއިން ލަވަ ނިއްވާލަން އެމީހުން މަސައްކަތް ކޮށް އެ ސަރަހައްދުގައި އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަރަކާތްތެރިވާ އެމްޑީޕީ ސަޕޯޓަރުން ތިބީ ރީނދޫ ކުލައިގެ ޓީޝާޓް ލައިގެންނެވެ.
އަދި އެ ސަރަހައްދުގައި އެމްޑީޕީ އެކްޓިވިޓިސްޓުން ހުއްޓުވުމަށް ފުލުހުން ވެސް ހަރަކާތްތެރިވާތަން ފެނެއެވެ. އެ ސަރަހައްދުގައި ކެމްޕެއިން ހަރަކާތަށް ހުރަސް އަޅާ މީހުން ފަހަތަށް ޖައްސަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ވަގުތުގައި ފުލުހުން ހުރަސްކޮށް އެ ޕިކަޕަށް ޒުވާނަކު އަރާ ވަނީ ޕިކަޕުގައި ޖަހަމުން ދިޔަ ލަވަ ނިއްވާލާފައެވެ. އަދި ބައެއް ފަރާތްތަކުން ދިޔައީ އެ ލަވަ ނިއްވާލުމަށާއި ނިއްވާ ނުލައިފި ނަމަ ނިއްވާލާނެ ކަމަށް ބުނެ އިންޒާރު ވެސް ދެމުންނެވެ.
ލަވަ ނިއްވާލަން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުން ގޮވަމުން ދިޔައީ ނަމާދު ވަގުތާ ގާތްވެއްޖެ ކަމަށް ވެސް ބުނަމުންނެވެ. ނަމަވެސް އޭރު ބަންގި ނުގޮވާތީ ޕީޕީއެމް ސަޕޯޓަރުން ލަވަ ޖެހުން އެއީ މައްސަލައެއް ނޫން ކަމަށް ބުނެ، ލަވަ ނިއްވާލުމުން ވަނީ އަނެއްކާވެސް ލަވަ ޖަހާފައެވެ.
މި ހަމަނުޖެހުމުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފަިއވާ ކަން ވެސް ސާފުވާ ގޮތެއް ނުވެއެވެ.