ހައުސިން މިނިސްޓަރުކަން މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު އޭނާގެ ގެ އިމާރާތްކުރެއްވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތް ކުރީ ހުށަހެޅި އަގުތަކަށް ވުރެ ބޮޑު އަގެއްގައި ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތުހުމަތު ކުރައްވައިފިއެވެ.

ނ. މަގޫދުގައި ތިބި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މުއިއްޒުގެ ގެ '15 ބުރިއަށް' ނަގާފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް މިހާރު ފެންނަނީ 15 ބުރިއަށް ގެ އަޅުއްވައިގެން މާލެ އުޅުއްވާ މަންޒަރު... ހިންގެވި ޕްރޮޖެކްޓެއްގެ ސައިޑުން ނަގާލި ކޮޅުދާއްޔަށް ނެގި އެތިކޮޅަކުންނޭ އެކަންކަން ނިމިފައި ވަނީ,"

ނަމަވެސް ގާސިމްގެ އިތުރުން، އަންނަ މަހު ބާއްވާ އިންތިހާބުގައި އިދިކޮޅު މައި ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ މުއިއްޒުގެ ގެ ކަމަށްވާ މ. ދިމްޔާތު އިމާރާތްކުރީ އަމިއްލަ ފައިސާ އާއި ބޭންކުން ލޯނެއް ނަގައިގެން ކަމަށް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ތުހުމަތުކުރެއްވި ގޮތުގައި، ޔާމީންގެ ސަރުކާރުން އެ ތަން އިމާރާތްކުރުމަށް ހަވާލުކުރީ ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއްގައެވެ. އޭރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުކަން ކުރެއްވި ގާސިމް ވިދާޅުވީ ސިންގަޕޫރުގެ ކުންފުންޏަކާ ޔާމީންގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމަށް ހަވާލުކުރީ 100 މިލިއަން ރުފިޔާ އަގުބޮޑުކޮށް ކަމަށެވެ.

"ހޮސްޕިޓަލު އިމާރާތްކުރި ކުންފުންޏަށް ވުރެ މާ ޓްރެކް ރެކޯޑް ރަނގަޅު މާ ޑައިނަމިކްކޮށް މާ ގިނަ މަސައްކަތްތަކެއް ކޮށްފައި ކުންފުންޏަކުން ހުށަހަޅާފައި އޮތް 50 މިލިއަން ޑޮލަރަށް އޮތް ޕްރޮޕޯސަލެއް ހުށަހަޅާފައި އޮއްވައި އެއަށް ނުދީ 150 މިލިއަން ޑޮލަރަށް އޮތް ޕާޓީއަށް ދިނީ," ގާސިމް ތުހުމަތުކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، އޭނާ ފަދަ ހިދުމަތްތަކެއް ކުރައްވާފައި ތިއްބެވި އެއްވެސް ކެންޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާ ކަމަށާއި، އޭނާ ކުރިމަތިލެއްވީ އޭނާ ކުރެއްވި މަސައްކަތްތައް ހަލާކުވާތަން ދެކެން ދެކެން ބޭނުންވެވަޑައިނުގަންނަވާތީ ކަމަށެވެ.