އައްޑޫ ސިޓީ ހިތަދޫ އިން ގަރާޖް ނުވަތަ ވޯކްޝޮޕް ހިންގުމަށް ފަސް ބިމެއް ކުއްޔަށް ދިނުމަށް ނިންމާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު 17، 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށެވެ. އަދި މި މަސައްކަތުގެ ބީލަމުގައި ރަޖިސްޓްރީވުމަށް 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ހުށަހަޅަންޖެހޭ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ އިން ކުއްޔަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 4162 އަކަފޫޓުގެ 3 ބިމާ، 4045.7 އަކަ ފޫޓުގެ އެއް ބިމާ، 4049.3 އަކަ ފޫޓުގެ އެއް ބިމުގެ އިތުރުން 8021.2 އަކަ ފޫޓުގެ އެއް ބިމެވެ.

އައްޑޫ ސިޓި ކައުންސިލުން މިމަހުގެ 20 ވަނަ ދުވަހު ވަނީ އެ ސިޓީގެ ފޭދޫ އަވަށުން 4 ބިމާ އަދި މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށްވެސް އިއުލާންކޮށްފައެވެ. އައްޑޫ ސިޓީ އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެ ސިޓީގެ އަވަށްތައް ހިއްކަމުން އަންނައިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށާ ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ބިން ކުއްޔަށް ދޫކުރަމުންނެވެ.