އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސްގެ ދައުވަތު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވައިފިއެވެ.
އެކަން ހާމަކުރައްވާ މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމް ސެކެޓްރީ ޖެނެރަލް އަހުމަދު ތޮލާލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތު މިމަހު 22 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި ހަމަ އެދުވަހު އެ ދައުވަތު މުއިއްޒު ގަބޫލު ކުރެއްވިކަން އަންގާފައިވާ ކަމަށެވެ.
ރިޔާސީ ކެނޑިޑޭޓުންގެ ބަހުސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
މިއީ ފެހި ގާނޫނުއަސާސީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިހާބެވެ. އަދި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވެސް ވާދަކުރާ އިންތިހާބެވެ. އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުންގެ ތެރެއިން ތިން ކެންޑިޑޭޓުން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު (ތަރުތީބުން):
- ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (އަމިއްލަ)
- ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް (އަމިއްލަ)
- މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
- މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
- ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް (ޖުމްހޫރީ ޕާޓީ)
- އެމްއާރުއެމްގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ފާރިސް މައުމޫން (އަމިއްލަ)
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
- އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ގައެވެ.