ނ. ކެނދިކުޅުދޫގެ ދެ އަވަށުގައި ދެ ބަނދަރު ގާއިމް ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ކެނދިކޮޅުދުއަށް ވަޑައިން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކެނދިކުޅުދޫއަކީ 4.7 ކިލޯމީޓަރުގެ ބޮޑު ރަށެއް ކަމަށާއި އެހާ ބޮޑު ރަށެއްގައި އެންމެ ބަނދަރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ދެ އަވަށަށް ދެ ބަނދަރު ހަދަން މަޝްރޫއުގައި ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ކެނދިކުޅުދުއަކީ ރީތި ތިމާވެއްޓެއް އޮންނަ ރަށެއްކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގައި އީކޯ ޓޫރިޒަމް ގާއިމްކުރުމުން ޒުވާނުނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "އޭގެ ސަބަބުން ޒުވާނުންނަށް ވަޒީފާ ލިބޭނެ. އާމްދަނީ ލިބޭނެ. ވަޒީފާ އަކީ ކޮންމެހެން އޮފީހަށް ދާ ވާހަކައެއް ނޫން. ވަޒީފާ އަޅުގަނޑު އެ ބަސް މި ބޭނުން ކުރަނީ ކޮންމެހެން ޑެސްކެއް ކައިރި އިނދެގެން ވަޒީފާ އަދާ ކުރުމެއް ނޫން. އާމްދަނީ ލިބޭނެ ކަމެއް އެއީ އަމިއްލަ ވިޔަފާރި އެއް ވިޔަސް ފުރުސަތު ދީގެން އާމްދަނީ ހޯދުން"
ބޮޑު ރަށެއް ނަމަވެސް ރަށުގެ މަގުތައް ހުރި ގޮތުން ދަތުރުފަތުރުކުރުމަށް ދަތިތަކެއް ދިމާވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ހައްލު ކޮށްދެއްވުމަށްޓަކައި ރަނގަޅު ފެންވަރެއްގައި ރަށުގެ މަގުތައް ހައްދަވައިދެއްވުމުގެ އިތުރުން ބޮޑެތި މަގުތަކުގައި ތާރު އަޅުއްވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. ކެނދިކުޅުދޫގައި ސްކޫލް ބަސް ހިދުމަތް ދިން ނަމަވެސް ރަނގަޅު ފެންވަރެއްގައި ދެމުން ނުދާ ކަމަށާއި ސްކޫލް ބަހުގެ ހިދުމަތް ރަނގަޅުކޮށް ފުޅާކޮށް ގިނަ ދަތުރުތައް ކޮށް ހިދުމަތް ދިނުމަށް ރަނގަޅު ފެންވަރުގެ ބަސް ގެންނާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން އެ ރަށު ސްކޫލަށްވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް ސުކޫލުގެ ވަސީލަތްތައް ހަމަވެފައި ހުންނަންވާނެ ކަމަށާއި ނަމަވެސް ސައިންސް ލެބްގައި ބޭނުންވާ ވަސީލަތްތައް އެޑިއުކޭޝަނުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރެއްގައި އެފަދަ ކަންކަން ހައްލު ކޮށްދީ ކިޔަވާ ކުދިންނަށް ރަނގަޅު މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.
ނ. އަތޮޅަށް މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅުގެ އިތުރު ރަށްތަކަށް މިއަދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށް މިއަދު ވަޑައިގަންނަވާނެއެވެ.