އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި މާދަމާ އިން ފެށިގެން ސޮއިކުރުން ކުރިއަށް ދާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން އޮގަސްޓު 25 އިން 27 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 5 މަންދޫބަކަށް ސޮއި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުންވެސް ހަބީބް ވިދާޅުވީ މި ލިސްޓަކީ ފައިނަލް ލިސްޓު ކަމަށާއި ދެން އިތުރު ބަދަލެއް މި ލިސްޓަށް ނުގެނެވޭނެ ކަމަށެވެ. އަދި ލިސްޓަށް ބަދަލު ގެންނަން ޝަކުވާ އެއް އޮތްނަމަ ކޯޓު މަރުހަލާގެ ތެރެއިން ނޫން ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރުމަކީ ކޮންމެ އިންތިހާބެއްގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތަކަށް ވާއިރު މިގޮތަށް ނިންމާފައި ވަނީ 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަ ކުރައްވާއިރު އޭގެ ތެރޭގައި ފާޓީގެ ފަރާތުން ވާދަކުރައްވާ ފަސް ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ބޭފުޅުން ހިމެނެއެވެ.

ޕާޓީތަކުން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމު އިބްރާހީމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އޮފިޝަލުން ހިމެނޭހެން 6،772 މުވައްޒަފުން މަސައްކަތް ކުރާނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މި އަހަރު ބާއްވާ އިންތިހާބުގައި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 60 ރިސޯޓެއްގައި ވޮޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.