މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ "ހިޔާ އެކޮމްޕްލިޝްޑް" ކިޔާ ޕްރޮގްރާމެއްގެ އެއްވެސް ލިޔުމެއް ދޫކޮށްފައި ވާކަމަށް އެ މިނިސްޓްރީގެ ރިކޯޑްތަކުން ނުދައްކާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ނޮވެމްބަރު 8، 2018 ވަނަ ދުވަހުން ފެށިގެން "ހިޔާ އެކޮމްޕްލިޝްޑް" ކިޔާ ޕްރޮގްރާމަކުން ފުށިދިއްގަރު ފަޅުން ގޯއްޗާއި، ހުޅުމާލެއިން ފުލެޓު ލިބޭނެކަން ބަޔާންކޮށް އޭރުގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ލިޔުންތަކެއް މިހާރު އެ މިނިސްޓްރީއަށް ލިބެމުން ދާކަމަށެވެ. އެހެންނަމަވެސް މިފަދަ އެއްވެސް ލިޔުމެއް ދޫކޮށްފައި ވާކަމުގެ ރެކޯޑެއް ސަރުކާރު ބަދަލުވިއިރު އެ މިނިސްޓްރީގެ އެއްވެސް ލިޔެކިޔުމަކުން ނުދައްކާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް މިނިސްޓްރީން ބުނީ އޭރު ހައުސިން މިނިސްޓްރީން ގޯއްޗާއި ފުލެޓު ލިބޭނެ ކަމަށް ބުނެ ދޫކޮށްފައިވާ އެފަދަ ލިޔުންތައް އެކިފަރާތް ތަކުން މިނިސްޓްރީއަށް ހުށަހަޅަމުން ގެންދާތީ، އެކަން ހިނގާފައި ވާގޮތް ބެލުމަށާއި އަދި ލިޔުން ހަވާލު ކޮށްފައިވާ މީހުންގެ އަދަދު ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ އެ މައްސަލައަށް ހައްލު ހޯދައި ދެވޭނެ ގޮތެއް ބެލުމަށް މިނިސްޓްރީން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެފަދަ ލިޔުން ލިބިފައިވާ ފަރާތްތަކުން އެލިޔުންތައް ސެޕްޓެންބަރު 15، 2023 ގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި މިގޮތުން ލިޔުން ހުށަހަޅާ އިރު ލިޔުމާއި ހަވާލުވި ތަނާއި ތާރީހް އެނގޭނެ ގޮތަށް ސިޓީއަކާއެކު ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ކުރީ ސަރުކާރުގައި ތިން ލައްކަ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން "ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން 82،000 ފްލެޓު އަޅުމަށް އޭރު ވަނީ ނިންމާފައެވެ. އަދި ގުޅިފަޅުން 230 ހެކްޓަރުގެ ބިން ހިއްކާ އެތަނުގެ ކައިރީގައި އޮންނަ ފުށިދިއްގަރު ވެސް ހިއްކުމަށް އޭރު އޮތީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ގޯތި ހޯދުމަށް އޭރު ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވާއިރު ވެރިކަން ބަދަލުވުމާ އެކު މި މަޝްރޫއު ވަނީ ހުއްޓާލާފައެވެ.
ފާތުމަ އޮފީހުން ބަހާފަހުރި ފޭކު ލިޔުންތައްދޯ މިވަރުންވެސް މީހުން އެބަ ގަބޫލުކުރޭ ޕޕ އާއި މުއިއްޒު ދައްކާ ވާހަކަ
ހަމަ ކަލެއަށް އެކަނި ދޭންވީ. އެހެން މީހަކަށް އެއްޗެއް ލިބެންް ނޭދުމަކީ ކިހާ ނުބާކަމެއްކަން އެެނގޭތަ. ކާކުތަ އުޅެނީ ބަސްއަހާގެން ގައުމު ހުސްވަގުން ތިބޭއިރު