ގދ، ތިނަދޫ އިން ބޯހިޔާވަހިކަމަށް ދޫކުރުމަށް ނިންމި 'ކޮންޑިޝަނަލް ގޯތި' ލިބޭ މީހުންގެ ވަގުތީ ލިސްޓް އެ ރަށު ކައުންސިލުން އާންމު ކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ކޮންޑިޝަނަލް ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން ނެތިގެން ނުވަތަ އެނޫންވެސް ޝަކުވާއެއް އޮތްނަމަ ސެޕްޓެމްބަރު 14، 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

ތިނަދޫއިން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް "ކޮންޑިޝަނަލް ގޯތި" ގެ ގޮތުގައި 150 ގޯތި ދޫކުރުމަށް ނިންމާ އެކަމަށް ކުރިމަތިލުމަށް ހުޅުވާލީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ރާއްޖޭގައި މުޅިން އަލަށް ދޫކުރަން ފަށާ ކޮންޑިޝަނަލް ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ތިނަދޫ ކައުންސިލާ އަދި ގޯތި ލިބޭ ފަރާތާއި ދެމެދު އެއްބަސްވުމެއް ހަދަންޖެހެއެވެ.

މިއުސޫލުގެ ދަށުން ބިން ތަރައްގީކު ރުމަށް އެންމެ ދިގުވެގެން ލިބޭނީ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރާ ތާރީހުން ފެށިގެން 5 އަހަރުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި މަދުވެގެން ކޮޓަރިއަކާއި ފާހާނާ، ބަދިގެ ރާނައި ހިޔާކުރުމުގެ އިތުރުން މަގުގެ އިންފާރު ރާނައި މަގާވީ ފަޅިން ސިމެންތިޖަހާ ކުލަލައި ގޭގެ ނަންބޯޑު ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ.

މު އުސޫލުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި ދިރިއުޅެވޭ ފެންވަރަށް ތަރައްގީކުރެވިފައި ނުވާނަަމަ، އެވަގުތަށް ކޮށްފައިވާ އިންވެސްޓްމަންޓާއެކު ބަދަލު ދިނުމަކާ ނުލައި ބިން ވަކިކުރެވޭނެއެވެ.