ޕާކިސްތާންގެ ހައިބާރު ޕަހުތުންހުވާގެ ބައްޓަގްރާމް ގައި އޮންނަ ކޯރެއްގެ މަތިން ހުރަސް ކޮށް ސްކޫލަށް ދާން ކޭބަލް ކާރުގައި ދަތުރު ކުރަނިކޮށް ހިނގި ހާދިސާއެއްގައި އޭގައި ތާށިވި 8 މީހުން 12 ގަޑިއިރަށް ފަހު ސަލާމަތް ކޮށްފިއެވެ.
ގްރޭޑް 9-10 ގައި ތައުލީމު ހާސިލު ކުރާ 6 ކުދިންނާއި ބޮޑު 2 މީހަކާއެކު ކޭބަލްކާރުގައި ދަތުރު ކުރަނިކޮށް ކުއްލިއަކަށް އޭގެ އެއް ކޭބަލު ކެނޑި އެއްފަރާތަށް އަރިއަޅާލައި، ކާރު ހިފެހެއްޓިފައި އޮތީ އަނެއް ކޭބަލެއްގައެވެ. އެއީ ބިމުން ފެށިގެން 900 ފޫޓު މަތި ކަމުން، ގޮތް ހުސްވެ އޭގައި ތިބި މީހުން ސަލާމަތް އެތި އެކި ފަރާތްތަކަށް ގުޅަމުން ދިޔަ އިރު، ކަމާބެހޭ ފަރާތްތަކަށް އެއާ ހަމައަށް ދެވޭ ވަރުވީ 4 ގަޑިއިރު ފަހުންނެވެ.
ހެނދުނު ހިނގި އެހާދިސާގައި ކޭބަލް ކާރުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ޕާކިސްތާންގެ ކޮމާންޑޯއިން ހެލިކޮޕްޓަރުގައި އެ ކާރު ކައިރިއަށް ފައިބެ އެންމެ ފުރަތަމަ ކުރި ކަމަކީ، އޭގައި ތިބި މީހުންނަށް ބޭނުންވާ ވަގުތީ ބޭސް ފޯރުކޮށްދިނުމެވެ. އެގޮތުން ބޯ އަނބުރާ ހޮޑުލައި މީހުންނަށް ބޭނުންވާ ބޭސް އޭގެ ތެރެއަށް އެއްލުމަށް ފަހު، އޭގެ ތެރެއިން 2 ކުއްޖަކު ވާޖަހާ ކޮމާންޑޯއިން ނަގައިގެން ހެލިކޮޕްޓަރުގައި ގެންދިޔައެވެ.
ހެލިކޮޕްޓަރުން ކާރު ކައިރިއަށް ވަލެއްގެ އެހީގައި ފައިބެ އޮތް ކޮމާންޑޯއަށް އިތުރު މީހުން ސަލާމަތް ކުރުމުގައި ދަތިތަކާ ދިމާވަމުން ދިޔަ އިރު ބާރުވަޔާއެކު ބެލެންސް ގެއްލި ކާރުގައި ޖެހޭ ކޮންމެ ފަހަރު އިތުރު ލޮޅުންތައް އަރަމުން ދާތީ، މީހުން ސަލާމަތް ކުރެވޭނެ އިތުރު ގޮތްތައް ބަލަމުން ގެންދިޔައެވެ.
އެކަމުގައި އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔަ އިރު، އެންމެ ފަހުން އެންމެން ސަލާމަތް ކުރީ، ކޮމާންޑޯއިންނާއި، އެސަރަހައްދަށް އެއްވެ ތިބި އާންމުންގެ އެހީތެރިކަމާއެކު ކޭބަލް ކާރުގެ ކޭބަލް ގުޅޭ ޕްލެޓްފޯމުން ކްރޮސް ކޭބަލެއް [ކޭބަލުގައި ހުކް އަޅުވައި ދުއްވާ ވަލެއް] ނުވަތަ ޒިޕްލައިނެއްގައި ދެމީހަކު ސޭފްޓީ ބެލްޓު އަޅައިގެން ގޮސް ފަހަރަކު މީހަކު އަދި ފަހުފަހަރު ދެމީހުން އެކުގައި އެވަލުން ސްޓޭޝަނަށް ގެނެސްގެންނެވެ.
ހަބަރުތައް ބުނާގޮތުން ކޭބަލްކާރުގައި ތާށިވި އެންމެން ސަލާމަތް ކުރެވުނީ 12 ގަޑިއުރު ފަހުން ކަމަށާއި އޭރު ރޭވެ އަނދިރިވެއްޖެ ކަމަށް ބުނެފައި ވެއެވެ.
އެ ހާދިސާގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި އާންމުންނަކީ އެ ސަރަހައްދު ރަނގަޅަށް ދަންނަ ބަޔަކަށް ވުމަކީ، އެމަސައްކަތުގައި ލިބުނު ފަސޭހައެއް ކަމަށް އޮފިޝަލުން ބުނެފައި ވާ އިރު، އެކަން ކުރުމަށްޓަކައި މިސްކިތްތަކުގެ ލައުޑް ސްޕީކަރުން އާންމުންނަށް ގޮވާލުމާއެކު ކޭބަލްގެ ދެކޮޅުގައި ހުންނަ ދެ ޕްލެޓްފޯމަށް އާންމުން ޖަމާވެ މަސައްކަތް ފެށިކަމަށް ބުނެފައި ވެއެވެ.
ޕާކިސްތާންގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަ މަގުތައް ނުހުންނާތީ ގިނަ އަދަދެއްގެ މީހުން ކޭބަލްކާރު ބޭނުން ކުރެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 150 އެއްހާ މީހުން ކޭބަލްކާރުގައި ދަތުރު ކުރާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.