އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ އިރު، ސްޓާފް ކާޑު އަޅައިގެން ހުރުމަށާއި މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް އިސްލާހު ގެނެސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އަށް ގެނައި އިސްލާހު ގެޒެޓް ކޮށްފައެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން، މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއްގައި ކިޔަވައިދޭ އިރު، ދަރިވަރުންގެ ކުރިމަތީގައި ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން ކަމަށާއި އަދި މޫނު ފެންނަ ގޮތަށް ކަމަށެވެ. އަދި މޫނުބުރުގާ އަޅާ މުވައްޒަފުން ދަރިވަރުންނާ މުއާމަލާތް ކުރާ ހުރިހާ ވަގުތެއްގައި ހުންނަން ވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް އެ އިސްލާހުގައި ބުނެއެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއު ކުރާ ތާރީހުން ފެށިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

މިހެން މި އިސްލާހު އޮތް ކަމުގައި ވިޔަސް އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް މޫނު ހާމަ ކުރަން އެކަށީގެން ނުވާ މާހައުލެއްގައި މޫނު ނިވާކޮށްގެން ކިޔަވައި ދެވޭނެއެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުން މޫނު ދައްކަން ޖެހޭތީ މީގެ ކުރިނަ ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ. އެއްބަޔަކު މޫނު ބުރުގާ އެޅުމަކީ ޓީޗަރުން ތަފާތު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނަނީ ކުދިންނަށް ޓީޗަރުގެ މޫނު ނުފެންނަ ނަމަ އެއީ ކާކުކަން ވެސް ދެނެނުގަނެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ފެންނަގޮތަށް ތިބުމަށް ޓީޗަރުންނަށް އަންގާ ސަބަބަކީ ޓީޗަރުންގެ މޫނު މައްޗަށް ގެންނަ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި ފަސޭހަވާ ކަމަށް ކަމާބެހޭ މާހިރުން އެއްބަސްވާތީ، ދަރިވަރުން އެ ފުރުސަތުން މަހުރޫމު ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.