ލޫސީ ލެޓްބީ (33އ) މަސައްކަތް ކުރި އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ތުއްތު 7 ކުދިން މަރާލައި އިތުރު 6 ކުއްޖަކު މަރާލަން އުޅުމުގެ ކުށުން ކޫސްވެރިވެ އުމުރަށް ޖަލަށް ލައިފިއެވެ.

އޭނާ ޖަލަށްލާން ކުރި ހުކުމުގައި ކަފާލާތުންވެސް އޭނާ ވަނި މަހުރޫމް ކޮށްފައެވެ.

އިނގިރޭސިވިލާތުގައި މިފަހުން އުފެދުނު ކުޑަކުދިން މަރާ އެންމެ ނުރައްކާތެރި ސީރިއަލް ކިލަރުގެ ގޮތުގައި އޭނާއަށް މުހާތަބު ކޮށްފައި ވާ އިރު، މެންސެޗްތާގެ ކްރައުން ކޯޓުން ހުކުމް ކުރަމުން ފަނޑިޔާރުން ބުނީ، ލެބްބީ އެކަން ކޮށްފައި ވަނީ ނުލަފާ ކަމާއެކު އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ކުރުމުގެ ބާރުނެތް ތުއްތު ތުއްތު ކުދިން ކަމަށާއި އަމިއްލައެދުމަށް ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގި އިރު ލެޓްބީ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސޫނަކް ވިދާޅުވެފައި ވަނީ، އަނިޔާލިބުނު އާއިލާތަކާއި އެ ތުއްތު ތުއްތު ކުދިންގެ މައިންބަފައިންގެ ވޭނީ އަސަރައި އަޑު އަހަން ލެޓްބީ ފަދަ މުޖުރިމުން ކޯޓަށް ހާޒިރު ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެއީ ފިނޑިކަމެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެފަދަ މީހުން ކޯޓަށް ހާޒިރު ނުވުމަށް ގާނޫނީ އިމުގެ ތެރެއިން މިހާރު އޮންނަ ފުރުސަތުތައް ނައްތާލުމަށް ގާނޫނީ އިސްލާހު ގެންނަވާނެ ކަމަށާއި އަނިޔާ ލިބުނު މީހުންގެ އިހުސާސްތައް އަޑުއަހާ އެމީހުންނާ ކުރިމަތިލާން އެފަދަ މުޖުރިމުން ކޯޓަށް ހާޒިރުވާން ޖެހޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

ލެޓްބީ އެ ތުއްތު ތުއްތު ކުދިން މަރާފައި ވަނީ އެކުދިންގެ ލެޔާއި ބަނޑަށް ވައި ފޮނުވައިގެންނާއި، މައިމީހާގެ ބުއް ދޭން ޖެހޭ އިރު އެފުރުސަތުވެސް ނުދީ ދޭން ވާވަރަށް ވުރެ ގިނައިން ކިރު ބޯންދީ، އަނިޔާކޮށް، އިންސޫލިން ބޭނުންކޮށްގެން އެކުދިން ވިހަކޮށްލައިގެން ކަމަށް ކޯޓުގެ އަޑުއެހުމުގައި ބުނެފައި ވެއެވެ.

ހަބަރުތައް ބުނާގޮތުން ލެޓްބީ މަސައްކަތް ކުރި، ކައުންޓްލެސް އޮފް ޗެސްޓާ ހޮސްޕިޓަލްގެ ނިއުނޭޓަލް ވޯޑުގައި އޭނާ މަސައްކަތް ކުރި އިރު ސިއްރިއްޔާތުގައި 13 ކުއްޖަކަށް އަނިޔާ ކޮށްފައި ވާކަމަށް ވެސް ބުނެއެވެ. އަދި އޭނާ މަސައްކަތް ކުރީ އެކުގައި މަސައްކަތް ކުރި މީހުންނާ ވަގަށް އެކުދިން މަރާ، އެ މަރަކީ ގުދުރަތީ މަރެއްކަމަށް ދެއްކުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެހާދިސާގައި މަރުވި ތުއްތު ކުދިންގެ ބައެއް މައިންބަފައިންގެ ބަސް ކޯޓުން ހޯދާފައި ވާ އިރު، އެމީހުން ބުނެފައި ވަނީ، އެހާދިސާ އާ ގުޅިގެން މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ ކަމަށާއި ހިތާމައިގެ ކޮޅެއް ނެތްކަމަށެވެ. ސަލާމަތްވި މައެއް ކުދިންގެ މައިންބަފައިން ބުނެފައި ވަނީ، ލެޓްބީ އަށް އިތުބާރުކޮށް ކުދިން ދޫކޮށްލެވުމުމުގެ ހިތާމަ ނުފިލާ ކަމަށާއި މިހާރު 24 ގަޑިއިރު ދަރިފުޅުގެ ހާލު ބަލަން ހުންނަން ޖެހިފައި ވާ ކަމަށެވެ.

ލެޓްބީ ކޯޓަށް ހާޒިރު ނުވިނަމަވެސް އޭނާ ވަނީ، އޭނާގެ ބަސް ކަމަށް ބުނެ މެމޯއެއް ލިޔެ ދީފައެވެ. އެ މެމޯގައި އޮތް ލިޔުން ކޯޓުގައި އިއްވާފައި ވާ އިރު ލެޓްބީ ބުނެފައި ވަނީ، "ދިރިހުންނާކަށް އަހަންނަށް ހައްގެއް ނެތް، އެ ހުރިހާ ކުދިން މެރީ ހަމަ ގަސްދުގައި، އެ ކުދިން ބަލަހައްޓަން އަހަންނަކީ ރަނގަޅު މީހެއް ނޫން، އަހަންނަކީ ނުބައި ނުލަފާ މީހެއް، އެކުދިން މެރީ އަހަރެން" ކަމަށެވެ.