ބ. ތުޅާދޫގައި އިދިކޮޅުން ކުރިއަށްގެންދިޔަ ހަރަކާތުގެ ބައިވެރިންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުންދީ، އެތައް ބަޔަކު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ތުޅާދޫގައި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތަކަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުން ފުލުހުން ފޮނުވާ، ތަކެއްޗަސް އެކިވަރުގެ ގެއްލުން ދިނުމުގެ އިތުރުން، އެތައް ރައްޔިތުންނަކަށް އަނިޔާކޮށް އަދި ބައެއް ބައިވެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ސިޔާސީ ހަރަކާތަކީ، އެކޯލިޝަންގެ ލީޑާ އަދި ޕީޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމީންއަށް ސިޔާސީ ނުފޫޒުން ހައްގު ނޫން ހުކުމެއްޖަހައި، އެމަނިކުފާނަށް ސަރުކާރުން ވަމުންދާ އަނިޔާއާ ދެކޮޅަ އަޑުއުފުލާ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ސުލްހަވެރިކަމާއެކު ތުޅާދޫގައި ކުރިއަށް ގެންދިޔަހަރަކާތެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން އިތުރަށް ބުނީ، ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކަށް އަނިޔާވެރިވެ އެމީހުން ގެންގުޅޭ ތަކެއްޗަށް ގެއްލުންދީ އެވެސް ކުށެއްނެތި ހައްޔަރުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފަށް ހިންގާ ޖަރީމާއެއްކަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން ހައްޔަރުކޮށްފައިވާ އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ހަކާތަށް ހުރަސް އެޅުމުގައި، ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން ގެއްލުން ލިބުނު ތަކެތީގެ ބަދަލު ދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވަމަށް ވެސް ފުލުހުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ.