ފުވައްމުލަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ސިޓީ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ލޯނު ދޫކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށާ، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ފުވައްމުލަކު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާ، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީވެ ދިނުންކަމަށް އެ ސިޓީގެ ކައުންސިލުން ވަނި ބުނެފައެވެ.

މި ސްކީމްގެ ދަށުން 14 ދާއިރާއަކުން ލޯނު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ، އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކަޕްކުރުން. ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ، ފެހުމާއި ޓެކްސްޓައިލްސްގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ކްރިއޭޓިވް އާޓްސް އަދި މިއުޒިކް، ކުޅިވަރާއި ފިޓްނަސް، މަސްވެރިކަން، އިލެކްޓްރިކަލް ވަޔަރިން އަދި މެއިންޓެނަންސް، މެނުފެކްޗަރިން، ދަނޑުވެރިކަން. ވެލްޑިން އާއި ކާޕެންޓްރީގެ މަސައްކަތް. ޓޫރިޒަމް އަދި އަމިއްލަ އުފެއްދުންތަކަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ 50،000 ރުފިޔާގެ ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދޭނެއެވެ.