ޕާކިސްތާންގެ އިދިކޮޅު ޕާޓީ، ތާރީކޭ އިންސާފު ޕާޓީގެ ލީޑަރު މަހުމޫދު ގުރޭޝީ ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކުރީ، އަންނަ އާންމު އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު އަދި އެ ޕާޓީގެ ފައުންޑަރު އަދި ޗެއާމަން އިމްރާން ހާނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެން ޖެހޭ ކަމަށް ވަކާލާތު ކުރެއްވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލްގައި އިމްރާން ބޮޑުވަޒީރު ކަމުން ދުރުކުރުމުގައި އެމެރިކާގެ އަތެއްވާ ކަމަށް އޭނާ ތުހުމަތު ކުރައްވާ އިރު، އޭރު އޭނާ ވިދާޅުވެފައި ވަނީ، އޭނާ އާ ދެކޮޅަށް ނެގި އިތުބާރު ނެތް ކަމަށް ނަގައި މަގާމުން ދުރުކުރީ އެމެރިކާގެ އަތެއް އޮވެެގެން ކަމަށެވެ. އެ ވޯޓާ ދިމާކޮށް ސިއްރު ކޯޑުން މުއާމަލާތްތަކެއް ކުރައްވައި، އެމެރިކާ އާ ދެކޮޅު ޝުއޫރުތަކެއް އިމްރާމް ފާޅުކުރެއްވި ކަމުގެ ތުހުމަތު ކޮށްފައި ވާ އިރު، ގުރައިޝީ އާއި އެހެނިހެން ލީޑަރުންގެ މައްޗަށް ވެސް އެތުހުމަތު ކުރެއެވެ.

އިމްރާން އޭރު ކުރެއްވި ތިހުމަތުތަކާ އެއްގޮތް ވާހަކަތަކެއް މިމަހުގެ ކުރީކޮޅު އެމެރިކާގެ ނޫހެއްގައި ޝާއިއު ކޮށް ބުނެފައި ވަނީ، އިމްރާން މަގާމުން ދުރުކުރަން އެމެރިކާ ބޭނުންވި ކަމަށާއި އެމަގަށް އެކަން ކުރީ އެހެންވެގެން ކަމަށެވެ.

ގުރޭޝީ ހައްޔަރު ކުރުމާއި އަދި އެކަމުގައި ކުރާ އިތުރު ތުހުމަތުތައް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އޭނާ ހައްޔަރު ކުރީ ކުރިއަށް އޮތް އާންމު އިންތިހާބު ލަސްކުރާނަމަ އެކަމާ ދެކޮޅަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ބޮޑުވަޒީރު އިމްރާން ހައްޔަރު ކުރުމާއެކު ޕާޓީގެ ލީޑާޝިޕާ ގުރައިޝީ ހަވާލުވެވަޑައިގެންފައި ވީ ނަމަވެސް އޭނާ އަކީ އިމްރާންގެ ގާތް ބޭފުޅެއްގެ އިތުރުން އިންރާންގެ ސަޕޯޓަރެއްވެސް ވެއެވެ. އިއްޔެ ގުރައިޝީ ހައްޔަރު ކުރި އިރު، އެ ޕާޓީގެ އިސް ލީޑާޝިޕްގައި ހިމެނޭ ގިނަ މެންބަރުންތަކެއްވެސް ވަނީ ހައްޔަރު ކޮށްފައެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓަރު ސަރްފަރާޒް ބަގަތީ ވިދާޅުވީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ނައިބުރައީސް ވެސް ހިމެނޭ ކަމަށާއި، ސިއްރު މުއާމަލާތްތައް ކުރުމުގައި އޭނާގެ ދައުރުވެސް ފާހަގަ ވުމުގެ އިތުރުން ދައުލަތުގެ ސިއްރުތައް ވެސް ހާމަކޮށްފައި ވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަމުގައި ތުހުމަތުވާ އެންމެން ހައްޔަރު ކުރާނެ ކަމަށާއި، އިމްރާނާއި ގުރައިޝީގެ އިތުރުން އެހެން އިސްފަރާތްތައްވެސް ދައުލަތުގެ ސިއްރުތައް ހާމަ ކުރުމުގައި ބައިވެރިވާ ކަމުގެ ހެކި ލިބި ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެފްއައިއޭ އިން ތަހުގީގު ފުޅާކޮށްފައި ވަނީ، އެ ސިއްރު މުއާމަލާތުގެ ޓްރާންސްކްރިޕްޓް [މެސެޖުތައް] ކަމަށް ވުނެ 'ދަ އިންޓަސެޕްޓް' ގައި ވަނީ ލިޔުންތަކެއްވެސް ޝާއިއުކުރުމާވެސް ގުޅިގެންނެވެ.

ޕާކިސްތާންގެ ސިޔާސީ މަޝްރަހު ނުތަނަވަސްވެފައި ވާއިރު އާންމު އިންތިހާބު ބޭއްވުމަށްޓަކައި މިހާރު އޮތް ސަރުކާރު އުވާލައި މިހާރު ވަނީ 90 ދުވަހަށް ވަގުތީ ސަރުކާރެއް އެކުލަވާލާފައެވެ. އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި، އަންނަ ޑިސެމްބަރު 14 ގެ ކުރިން އިންތިހާބީ ދާއިރާތައް ކަނޑައަޅާ ނިންމާނެއެވެ. އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅާނީ އޭގެ ފަހުން ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.