އައްޑޫ ސިޓީ ދެ އަވަށަކުން ފަސް ބިމެއް ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމަށް ނިންމާ، އެ ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް، އައްޑޫ ސިޓީ ކައުންސިލުން އެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ފޭދޫ އަވަށުން 4 ބިމާ އަދި މަރަދޫފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ގޮތުން އައްޑޫ ސިޓީ ފޭދޫ އިން ކެފޭ، ރެސްޓޯރެންޓް، ހޮޓާ ހިންގުމަށް 2516.3 އަކަ ފޫޓުގެ ބިމެއް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުޑަކުދިންގެ ޕާކުގެ ބިން އެ ބިމުގައި ހުރި ހަޓާއެކުގައިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފޭދޫ އިން އާންމު ވިޔަފާރިކުރުމަށް ތިން ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވިޔަފާރިއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1302، 1113 އަދި 1011 އަކަ ފޫޓުގެ ބިމެވެ. އަދި އައްޑޫ ސިޓީ މަރަދޫ ފޭދޫ އިން އާއްމު ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަ ފޫޓުގެ ބިމެކެވެ.
މި ބިންތައް ދޫކުރަން ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުންނެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ބީލަމުގައި ރަޖިސްޓްރީވުމަށް ތިން ސަތޭކަރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހޭނެ ކަމަށެވެ. މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ބަލައިގަތުން އޮންނަނީ ސެޕްޓެމްބަރު 10 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އައްޑޫ ސިޓީ ކައުންސިލްގައެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫ އަވަށުން ފަސް ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. އޭރު ފޭދޫ އިން އާންމު ވިޔަފާރިއަށް އެއް ބިން ދޫކުރިއިރު ގަރާޖް ވޯކްޝޮޕް ހިންގުމަށް ހިތަދޫ އިން ވަނި ހަތަރު ބިމެއް ދޫކޮށްފައެވެ.