އަންނަ ރިޔާސީ އިންތިހާބުގެ ކަރުދާސްކޮޅުގައި ޕީޕީއެމްގެ ކުލަ ވެސް ނެތް [ނޯންނާނެ] ކަމަށާ ކަރުދާސްކޮޅުން ފޮހެލިހެން ރިޔާސީ އިންތިހާބު ނިމޭއިރު ރާއްޖެއިން ޕީޕީއެމް ވެސް ފޮހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ސޯލްޓް ކެފޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ޕީޕީއެމް ބައިވެރި ކުރުމަށް ވިސްނަވާފައި ނެތް ކަމަށެވެ. ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް ޔާމީން ޖަލުން ސަލާމަތް ކުރައްވާނެ ކަމަށް ވިދާޅުވެ މުއިއްޒު ދައްކަވަނީ ރައްޔިތުންނަށް ހުވަފެން ކަމަށާއި ޔާމީން ޖަލުން މިނިވަން ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ބައިވެރި ކުރުމަށް ޔާމީންވެސް ބޭނުންފުޅު ނުުވާ ކަން ފާހަގަ ކުރައްވަމުން މާރިޔާ އިތުރަށް ވިދާޅުވީ، މުއިއްޒު ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ނަމަވެސް ޕީއެންސީއަށް ސޮއި ކުރެއްވުމަށް ފަހު އޭނާ އިންތިހާބުގައި ބައިވެރިވާ ގޮތަށް ހަމަޖެއްސެވީ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށާއި އަދި ހަމައެހެންމެ ކެންޑިޑޭޓުގެ މަންދޫބުންނަށް ވެސް ގިނައިން ހުށަހަޅާފައި ވަނީ ޕީއެންސީގެ މެންބަރުން ކަމަށެވެ.

ޕީޕީއެމްގެ ކުލަ ކަރުދާސްކޮޅުގައި ނެތް ކަމަށް މާރިޔާ ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މުއިއްޒަކީ ޕީއެންސީގެ ކެންޑިޑޭޓު ކަމަށް ވާތީއެވެ.

"ދަންނަވަން މިއުޅެނީ ޕީޕީއެމްގެ ކުލަވެސް ކަރުދާސް ކޮޅުގައި ނެތޭ. އެ އިންތިހާބު ނިމިގެންދާއިރު ޕީޕީއެމް މި ރާއްޖޭގައި ކަރުދާސްކޮޅުން ފޮހެލިހެން ފޮހެވިގެންދާނެ."
މާރިޔާ

ނޫސްވެރިންގެ ކޮންމެ ބައްދަލުވުމުގައި މާރިޔާ، މުއިއްޒަށް ބަހުގެ ހަމަލާތައް ރައްދުކުރައްވާތީ ނޫސްވެރިން ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ މުއިއްޒުގެ ވާހަކަ ދައްކަވަނީ ކޮންމެހެން އެމްޑީޕީއަށް އޮތް ޗެލެންޖަކަށް ވާތީ ނޫން ކަމަށާއި ފެށުނީއްސުރެ އެމްޑީޕީން ވަކާލާތު ކުރަމުން އައީ ވާދަވެރި، ގިނަ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރަސީ އަކަށް ކަމަށް ވާތީ ކަމަށެވެ. ނަމަވެސް، މިފަހަރު ޕީޕީއެމް އިން ވާދަ ނުކޮށް އެޕާޓީއާ އެންމެ ފަލްސަފާ އެއްގޮތް ޕީއެންސީ އަށް ފުރުސަތު ދީފައި ވުމުން ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާ ގުޅިގެން ޔާމީނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ މަގު ބަންދުވިއެވެ. ނަމަވެސް ބަލި ގަބޫލު ނުކުރައްވާ ކެންޑިޑެންސީ އާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހަޅުއްވި ނަމަވެސް އެ ކޯޓުންވެސް މައްސަލަ ނިންމާފައި ވަނީ ޔާމީން އާ ދެކޮޅަށެވެ.

އެއާއެކު ޔާމީން ބޭނުންފުޅުވީ ޕީޕީއެމްއިން އިންތިހާބުގައި ބައިވެރި ނުވުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން ޕީޕީއެމްގެ ލީޑާޝިޕް ބޭފުޅުންނަށް އިރުޝާދު ދެއްވިއެވެ. ނަމަވެސް ސެނެޓުން ނިންމީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށް ފަހު ރައީސް ޔާމީން ނިންމާފައި ވަނީ ސެނެޓުގެ ނިންމުމަށް ތާއީދު ކުރައްވައި ކެންޑިޑޭޓަކު ނެރުމަށެވެ. އެއާއެކު ރިޔާސީ އިންތިހާބަށް ޕީއެންސީގެ ފަރާތުން މުއިއްޒު ނިކުންނެވި އިރު ރަނިންމޭޓަކަށް ކަނޑައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ޑރ. މުއިއްޒަކީ ކުރިން ޕީޕީއެމްގެ ނައިބު ރައީސް އެވެ. އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމަށް ޔާމީން އިރުޝާދު ދެއްވުމުން ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރަނިން މޭޓަކަށް ސެމްބެ ނެންގެވީވެސް ޔާމީންގެ އިރުޝާދާ އެއްގޮތަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ސެމްބެ އަކީ ޔާމީންގެ ވަރަށް ގާތް ޒުވާން ލީޑަރެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން ދާއިރު އިންތިހާބަށް ކުރިމަތިލެއްވި 8 ކެންޑިޑޭޓުންވެސް ފޯރިއާއެކު ގެންދަވަނީ ކެމްޕެއިން ކުރަައްވަމުންނެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދުމަށް ގިނަ ވައުދުތަކެއް ކެންޑިޑޭޓުން ވަމުން ދާއިރު ހުރިހާ ކެންޑިޑޭޓުންވެސް ބުނަމުން ދަނީ އެއް ފަހަރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

2008 ވަނަ އަހަރަށްފަހު މިއީ ރިޔާސީ އިންތިހާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާ ފުރަތަމަ ފަހަރު ކަމަށް ވާއިރު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓަމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.