މި ސަރުކާރު ނިމިގެންދާއިރުވެސް ދައްކަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ވ. ފެލިދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފެލިދޫއަށް ކޮށްދޭންޖެހޭ އަދި ރައްޔިތުން އެކަމަކަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އެކަންކަމަށް އިހުމާލު ވެފައި ވާތީ ކަންތައްތައް ވަނީ ބޮއްސުންލާފައި ކަމަށެވެ. އަދި މި ސަރުކާރުން އިހުމާލުވާ ކަންތައްތައް ކުރުމަކީ ދެން އަންނަ ސަރުކާރަކުން ކުރަން ޖެހޭނެ ކަންތައްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނެތި އެކަމެއް ކޮށްދެއްވާނެ ކަމަށާއި އެހެންނަމަވެސް މި ސަރުކާރުގެ ފަސް އަހަރު ނިމިގެން ދާއިރުވެސް ދައްކަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރައްވާނެ ކަމަށާއި އޭނާއަކީ ޒިންމާއިން ރެކޭނެ ބޭފުޅެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށްވެސް ހިދުމަތް ދިނުމުގެ ތަފާތުކުރުމެއް ނެތި. އެއީ ކުރީ ސަރުކާރު ކިޔާފައި ދުލެއް ނުކުރާނަން. މި ސަރުކާރުގެ ކިބައިން ފެނުނީ ފަސް އަހަރު ނިމިގެން ދާއިރުވެސް ކުރީ ސަރުކާރުގެ ވާހަކަ ދެއްކިތަން. އަޅުގަނޑުމެންނަކީ އެ ގޮތަކަށް ކިޔައި އަޅުގަނޑުމެންގެ ޒިންމާއިން ރެކޭނެ ބައެއް ނޫން"
ޑރ. މުއިއްޒު

ފެލިދޫގެ ކުރިއެރުމަށްޓަކައި ފާހަގަކުރި ހުރިހާ ކަމެއްގެ ތެރެއިންވެސް ގިނަ ކަންކަން ހާސިލް ކުރުމުގައިވެސް އެންމެ މުހިއްމީ ބިން އިތުރު ކުރުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ބިން އިތުރުކުރުމުގެ މަޝްރޫއު ހިންގައިގެން ނޫނީ ގެދޮރުވެރިކަމުގެ މައްސަލައާއި ކުޅިވަރުކުޅުމުގެ ވަސީލަތްތައްވެސް ގާއިމު ނުކޮށްދެއްވޭނެ ކަމަށެވެ. އަދި އިގްތިސޯދީ އެކި އެކި މަޝްރޫއުތައް ހިންގަން ޖާގަ ލިބެން އޮތީ ވެސް ބިން އިތުރު ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފެލިދޫގެ ފަޅު ތެރޭގައި އޮތް ޖާގައިގެ ބޭނުން އެންމެ ފުޅާ މިނުގައި ކޮށްގެން، ތިމާވެއްޓަށް ބަލުމަށްފަހު ބިން އިތުރުކުރެވެން އޮތް އެންމެ ބޮޑުމިނެއްގައި ބިން އިތުރުކުރުމަކީ ސަރުކާރުން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަން އިސްކަމެއް ދެއްވައިގެން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ތިމާވެއްޓަށް ބަލަންޖެހޭ މިންގަނޑުތަކަށް ބަލައިގެން ބިންއިތުރުކުރެވެން އޮތް އެންމެ ބޮޑުމިނެއްގަ މިރަށުގައި ބިން އިތުރުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިރަށުގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭކަމެއް."
ޑރ. މުއިއްޒު

މުއިއްޒު އިތުރަށް ވިދާޅުވީ ބިން އިތުރުކުރުމަށްފަހު އެ ރަށަށް ބޭނުންވާ އެހެން ކަންކަން ކުރުމަށް ރައްޔިތުންގެ މަޝްވަރާގެ މަތިން ޕްލޭން އެކުލަވާލެވިގެން ދާނެ ކަމަށެވެ.