އިނގިރޭސި ބަހުން އިސްލާމް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ގައުމިއްޔަތާ ގުޅުންހުރި ކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބޭނެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެވާހަކަ ތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ، އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމަށް ހިމަނާފައިވިޔަސް، ދިވެހިބަހުގެ މާއްދާ ހަމަ އެގޮތުގައި އޮންނާނެ ކަމަށެވެ.
އިސްލާމްދީނަކީ ދިވެހީންގެ އަގީދާ ކަމަށާއި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތައް ހުންނަނީ އަރަބިބަހުން ކަމަށާއި އަދި މިހާރުގެ ގިނަ ކުދިންނަކީ އިނގިރޭސިބަހުން ވާހަކަދައްކާ ކުދިންނަށްވެފައި، ބޮޑެތި ދިރާސާތައް ހެދޭވަރަށް އިސްލާމްދީނާ ބެހޭ ލިޔުންތައް އިނގިރޭސިބަހުން ހުރުމުން، އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޮތުމަކީ އިސްލާމްދީން މާއްދާ ކިޔަވަން ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މ. މުލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ، ވޯޓާއި ދިމާކޮށް ދޭ ފައިސާކޮޅަކަށް ހެއްލިގެން ވޯޓުދޭ ގޮތުން އަމިއްލަ ރަށާއި ގައުމުގެ މުސްތަގުބަލު ވާނެ އެއްޗަކަށް ވާން ދޫކޮށްލެވިގެން ހިނގައިދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ މުހިއްމު ބަހާއަކީ އިސްލާމްދީން ކަމަށާއި ދެވަނަ އަށް އޮތީ ދިވެހި ބަސް ކަމަށްވާއިރު މި ދޭތި ވެސް މިހާރު އޮތީ ދިވެހިންގެ އަތުން ގެއްލުމުގެ މަގުމަތީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެވޭލާ ޒަމާނުން ފެށިގެން ދިވެހިން ކުރަމުން އައި ހުރިހާ ކަމެއް ދޫކޮށްލަންވީތޯ އާއި ވޯޓާއި ދިމާކޮށް ލިބޭ ފައިސާކޮޅަކުން ހަމައެކަނި ފުއްދާލަންވީތޯ ވެސް މިއަދު ސުވާލުކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ އެއީ ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި އެއީ ދަރިންގެ މުސްތަގުބަލު ބަނަކޮށްލަން ދޭ ފުރުސަތެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އިސްލާމް ދީން އިނގިރޭސިބަހުން ކިޔަވައިދިނުންފަދަ، ގިނަ މީހުނަށް ކަމުނުދާ ކަންކަން ކުރާން މާރިޔާ ކަހަލަ ލާޤައުމީ ޕަޕެޓުންގެ ސަރުކާރެއް ރާއްޖޭގައި ބާއްވާކަށް ނުޖެހޭ.