ރޯ މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާއަށް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން މ. ދިއްގަރަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަގައެވެ. ޑރ. މުއިއްޒު ވިދާޅުވީ، މަސްވެރިކަމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި މުހިންމު ޗެޕްޓަރެއް ކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގަންނަވާނަމަ އެކަމަށް މުހިއްމު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

މި ސަރުކާރުން މަސްވެރިކަމަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަން ފާހަގަ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކަށް ރިއާޔަތްކޮށް ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާއަށް ހައްދަވައިދެއްވާނެ ކަމަށެވެ.

މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ދިވެހިރާއްޖޭގައި ރޯމަސް ގަންނަ އަގު 20 ރ. އަށް ހެދުން އެއީ އަޅުގަނޑުމެން ގަސްދުކުރާ ކަން، އެދޭ ގޮތްކަން އަޅުގަނޑުމެން އިއުލާނުކުރަން.
މުއިއްޒު

ސަރުކާރުގެ ކުންފުނި މިފްކޯއިން މިހާރު ރޯ މަސް ގަންނަނީ ކިލޯއަކަށް 17ރ އަށެވެ.

މުއިއްޒަކީ ޕީޕީއެމްގެ ފަރާތުން ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތުމާ ގުޅިގެން، އެ ކޯލިޝަން ތެރެއިން ވާދަކުރައްވަން ކަނޑައެޅި ކެންޑިޑޭޓެވެ. އޭނަގެ ރަނިންމޭޓަކީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު (ސެމްބެ)އެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯ ލޯންޗްކުރުމުގެ ހަފުލާ ހުޅުމާލޭގެ ފޭސް ދޭއްގެ އެއް ނަންބަރު ބަސް ސްޓޮޕް ކުރިމަތީ އޮންނަ ހުސް ބިމުގައި މާދަމާ ރޭ 8:30 ގައި އޮންނާނެއެވެ. މުއިއްޒުގެ މެނިފެސްޓޯ އަކީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފަހުން އާންމުކުރާ މެނިފެސްޓޯއެވެ.