ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ދައުރުގެ ތެރޭ ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވަން، މާލޭގެ މޭޔަރު އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފިއެވެ.

މ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން މުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މިހާރު ހިނގަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެ ކުންފުނީގެ ފަރާތުން ރައްޔިތުންނަށް ފައިދާއެއް ވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދެވެނީ ބޮޑު އަގެއް ދައްކައިގެން ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ކުންފުނި ތަރައްގީކުރަން ޖެހެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހައްޖު ފަންޑުން އިންވެސްޓްމެންޓްތައް ކޮށް، ހައްޖު ކޯޕަރޭޝަނަކީ މާލީގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން އެބަ ޖެހެއެވެ.

އޭރުން ހައްޖަށް ދިއުމުގެ އަގުތައް ފުރަތަމަ އަހަރުން ފެށިގެން ކުޑަކުރެވިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމަ އެހެންމެ، ހައްޖަށް ދާން ބޭނުންވެފައި ތިބި ފަގީރުން އެބަ ތިބި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ބަހާލައިގެން ފުރަތަމަ އަހަރު 100 މީހުން، މުޅި ފަސް އަހަރު ތެރޭގަ 1،000 މީހުން ހިލޭ، މި ދެންނެވި ގޮތަށް ހައްޖު ކޯޕަރޭޝަނުން ވަރުގަދަކޮށްގެން ހިލޭ ހައްޖަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެންގޮސްދޭނަން،"

މީގެ އިތުރުން، މުލައް ހިމެނޭހެން މ. އަތޮޅުގެ ތިން ރަށަކަށް މުއިއްޒު ވަނީ ވައުދުތަކެއްވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މުލަކުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން
  • މުލަކުގެ ބަނދަރު ދެ ގުނަ ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
  • މުލަކުގެ އުތުރު ފަރާތުގެ ޖެޓީ އަލުން ހެދުން
  • މުލަކުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލެއް އިމާރާތްކުރުން
  • ރަނގަޅު ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް މުލަކުގައި ގާއިމްކުރުން
  • ނާލާފުށްޓާއި މުލި އެއް ކިލޯމީޓަރުގެ ދިގު ކޯޒްވޭއަކުން ގުޅާލުން
  • ނާލާފުށީގައި ބިން ހިއްކައި ބަނދަރު ބޮޑުކުރުން
  • ކޮޅުފުށީގައި ސަރުކާރުން އަޅަން ބުނި 100 ހައުސިން ޔުނިޓުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާލުން
  • އެ މަޝްރޫއުގެ ދަށުން ކޮޅުފުށީގެ އާންމުން ދައްކަން ޖެހޭ ކުލި ތިރިކުރުން
  • ކޮޅުފުށި ވަށައިގެން މަގެއް ހެދޭ ވަރަށް ރަށް ހިއްކައި ތާރު އަޅައިގެން މަގު ހެދުން

މުއިއްޒު ވިދާޅުވީ، އެއްފަހަރާ ހުރިހާ ވައުދެއް ފުއްދައިނުދެވުނަސް، އެކަން ކުރެވޭނެ އެންމެ ފުރިހަމައަކަށް ކަންކަން ކޮށްދެއްވާނެ ކަމަށާއި، ރަށްރަށަށް ކަންކަން ކޮށްދެއްވުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ.

ރަށްރަށަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން، ޗައިނާގެ ފަތުރުވެރިން އިތުރުކުރުމަށް އޭނާގެ ދައުރުގެ ކުރީކޮޅު ފްލައިޓެއް ކުއްޔަށް ގެނެސް، ސީދާ ދަތުރުތައް ފަށްޓަވާނެ ކަމަށާއި، އައިލެންޑް އޭވިއޭޝަން ކުންފުނި ކޮޅަށް ޖައްސަވައި އެ ކުންފުނީގެ ހާލަތު ރަނގަޅުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.