އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ހަތީބުން ޖުއްބާ ލައިގެން ހުކުރު ނަމާދު ކުރާ ގޮތަށް ބަދަލު ގެނެސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތްތަކުގައި އިމާމުވެ ހުކުރުކުރާ ހަތީބުން މިއަދުން ފެށިގެން ޖުއްބާ ލާން ޖެހޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ ހަތީބުން އެއް މިންގަނޑަކަށް ހެދުން އަޅާ ބަޔަކަށް ހަދައި، ހަތީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަގްސަދުގައި ކަމަށެވެ.
މި އުސޫލަށް މިވަގުތު އަމަލުކުރަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި މި އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެކަމަކު ރަށްރަށުގައި މި އުސޫލަށް އަމަލުކުރާނެ ވަކި ތާރީގެއް މިނިސްޓްރީން އަދި ނުބުނެއެވެ.
އެހެންކަމުން، މާލޭ ސަރަހައްދުގައި ހުކުރުކުރާ ހަތީބުންނަށް މިކަމަށް ވަކި އެލަވަންސެއް ކަނޑައަލައި، ކޮންމެ އަހަރަކު ވެސް ހަތީބުންނަށް ޖުއްބާ އާއި ތާކިހާ ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، މީގެ ކުރިން ރާއްޖޭގައި އަމަލުކުރީ މިފަދައިން ކަމަށާއި، ނަމަވެސް ހެދުން އެޅުމުގެ ވަކި މިންގަޑެއް ހިފެހެއްޓިފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ޖުއްބާ ލައިގެން ހަތީބުން ހުކުރު ނަމާދުކުރުމަކީ އިސްލާމީ އެހެނިހެން ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.