ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިއީ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީީސީއަށް މިފަދަ ޕްރޮޖެކްޓެއް ހަވާލު ކުރި ފުރަތަމަ ފަހަރެވެ.

މިއަދު ހެލްތް މިނިސްޓްރީން އާރްޑީސީއަށް ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ހަވާލު ކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަފައެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެފަރާތުން އެއް ބަސްވުމުގައި ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ޖުމްލަ އަގަކީ 135,137,652.70 ރުފިޔާއެވެ.

މި މަޝްރޫއަކީ 500 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް އުފެއްދި ކުންފުންޏެކެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓުމަކީ އަސާސީ ހިދުމަތަކަށް ވާތީ މިފަދަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި ކުންފުނި އެކުލަވާލައި ކުންފުނީގެ މަސައްކަތް ރަނގަޅަށް ހިނގައިގަންނަށް ފެށީ 2020 ވަނަ އަހަރުއެވެ.

މީދޫ ހޮސްޕިތަލް އެޅުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވާ އިރު، ދާދި ފަހުން ޕްލޭނިން މިނިސްޓްރީން ވަނީ އދ. މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތާއި ރ. މަޑުއްވަރީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

މާލޭގައި މިހާރު ތާރު އަަޅައިގެން މަގުހަދަނީވެސް އާރުޑީސީންނެވެ.