"ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެއިން ބަނޑާރަ ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓްގެ ގުރުއަތު ނެގުން ކުރިއަށް އޮތް ފަސް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށާއި ގޯތި ކަނޑާނީ ގުރުއަތަށް ފަހުގައި ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ގުރުއަތުލުން ފަށާފައި ވަނީ ގަލޮޅު ފުޓްބޯޅަ ދަނޑުގައި މި މަހުގެ 15 ވަނަ ދުވަހުއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ، ގުރުއަތުލުން އަދިވެސް ކުރިއަށް ދާ ކަމަށާއި ގުރުއަތުލުން ނިމޭނީ ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ގުރުއަތު ނިމުމުން ގޯތި ކެނޑުމުގެ ކަންކަން ފަށަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގޯތި ކަނޑާނެ ސީދާ ތާރީހެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.
އެކަން އެގޮތަށް ނިންމީ ގޯތި ކެނޑުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
މީގެ ކުރިން ގޯތި ކަނޑަން ނިންމާފައި އޮތީ ގުރުއަތުލާން ފެށި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް ފަހުން ޕްލޭނިން މިނިސްޓްރީން އެ ދުވަސް ފަހުގެ ތާރީހަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައި ވީ މަމަވެސް ވަކި ތާރީހެއް އިއުލާން ކޮށްފައެއް ނުވެއެވެ.
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.
9003 ގޯތީގެ ތެރެއިން ހުޅުމާލެއިން 1351 ގޯތި ދޭން ނިންމާފައިވާ އިރު، 8 މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް 20 ގޯތި، 7 މީހުންގެ އެޕްލިކޭޝަންތަކަށް 31 ގޯތި، 6 މީހުންގެ އެޕްލިކޭޝަންތަކަށް 60 ގޯތި، 5 މީހުންގެ އެޕްލިކޭޝަންތަކަށް 100 ގޯތި، 4 މީހުންގެ އެޕްލިކޭޝަންތަކަށް 180 ގޯތި، 3 މީހުންގެ އެޕްލިކޭޝަންތަކަށް 370 ގޯތި، 2 މީހުންގެ އެޕްލިކޭޝަންތަކަށް 340، ގޯތި އަދި އެކަކު ހިމެނޭ އެޕްލިކޭޝަންތަކަށް 250 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
ހުޅުމާޅެއިން 1351 ގޯތި ދޭ އިރު، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭނެއެވެ.
މިހާރު ލިބިފައި އޮތް ބިންކޮޅު ދޫކޮށްލުމުގެ ކަންތައް ވަކިގޮތަކަށް ނުނިންމާ ގޯތި ހަވާލުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން. ލިބިފައޮތް ބިންކޮޅު ދޫކުރަން މަޖުބޫރުވާނެ ކަމަށް ހީކޮށް މިފަހަރު ފޯމު ނުލާތިބި މީހުން ވެސް އިތުރު ގޯއްޗެއް ލިބެން ބޭނުންވާނެ.