ޑިސެންބަރު މަހަަށް ސްކޫލުގެ ބޮޑު ޗުއްޓީ ބަދަލުކޮށްދެއްވާނެ ކަމަށް ރޭ ދ. ކުޑަހުވަދޫގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް ރިސޯޓު މުވައްޒަފުން ކަންބޮޑުވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މުއިއްޒު ވިދާޅުވީ ސްކޫލް ބަންދު އަހަރުގެ މެދުތެރެއަށް ބަދަލުވެފައި އޮތް އޮތުމަށް ބަދަލެއް ގެނެސް ދެއްވާނެ ކަމަށާއި މިހާރު އަހަރު މެދުތެރެއިން ސްކޫލް ބަންދު އަންނަ އިރު އެ ދުވަސްވަރަކީ ދެ މޫސުން ފައްތަރުވާ ދުވަސްވަރަށް ވެފައި މޫސުމަށް އަންނަ ބަދަލުތަކާ ހެދި ތަންތަނަށް ނުދެވި އާއިލާތައް ތިބެން ޖެހިފައިވާ ކަމަށެވެ. އަދި ހަމައެއާއެކު ޖުލައި 26 ވެސް އެ ދުވަސްވަރަށް އަންނާތީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ސްކޫލް ދަރިވަރުން ވެސް ފަރިތަކުރުންތަކުގައި މަޑުކުރަން ޖެހޭތީ ޗުއްޓީ ހޭދަ ކޮށްލަން ނުދެވުމަކީ ވެސް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، 2025 ގެ ޖެނުއަރީ މަހު ދިރާސީ އާއަރު ފެށޭ ގޮތަށް ބަދަލު ގެންނަވާނެ ކަމަށާއި އެ އަހަރު ޑިސެމްބަރު މަސް ވެގެންދާނީ ބޮޑު ޗުއްޓީގެ އުފާވެރިކަން އާއިލާތަކަށް ލިބޭނެ ދުވަސްވަރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ބަދަލު ގެންނަން މަންހަޖު ރާވައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މިއަދު މުއިއްޒު ވިދާޅުވީ ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމާއި މެދު ރިސޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ދަނީ ލިބެމުން ކަމަށާއި އެ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް މިރޭ ފ. ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރޭ ވެސް މުއިއްޒު ވިދާޅުވީ އެ ބަދަލާއެކު ރިސޯޓް މުވައްޒަފުންނަށް ދަތިތައް ދިމާވާނެ ކަމަށާއި ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ބަދަލު ވުމުން ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރާ ބެލެނިވެރިންނަށް އެ ދުވަސްވަރު ޗުއްޓީ ނެގުން ދަތިކަމަކަށް ވަނީ އެއީ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔަރަތްކުރާ ދުވަސްވަރު ކަމަށް ވާތީ ކަމަށެވެ. އަދި އެ ދުވަސްވަރު އެ ފަދަ މުވައްޒަފުންނަށް ޗުއްޓީ ހަމަޖެހޭނެ އިންތިޒާމްތައް ހަމަޖައްސަވައި އެ ދަތިކަން ވެސް ފިލުވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.