އެސްޓީއޯ ސްޓާފް ޖިމް އެސްޓީއޯ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސްޓާފް ކުއާޓާޒްގައި ހުންނަ މިޖިމް ހުޅުއްވައިދެއްވީ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަބްދުﷲ ސައީދު ކަމަށެވެ.

އެސްޓީއޯ ސްޓާފް ޖިމްއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޖިމަކަށް ވާއިރު އެ ޖިމަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ އެމްޑީ އަބްދުﷲ ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމަށް އެސްޓީއޯ ގްރޫޕްގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެސްޓޯއޯއިން ބުނީ ޖިމްގެ އެންޓްރެންސް ފީ ހިލޭ ކުރުމުގެ އިތުރުން މުވައްޒަފުން ޖިމްގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓާއެއްގެ ހިދުމަތްވެސް ކުންފުނީގެ ހަރަދުގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ޖިމްގައި ފިޓްނަސް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.