ލޮޓަސް ފިހާރައިގެ ވެރިޔާ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
އާއްޓޭ ޕީޕީއެމް އާ ގުޅިވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގެންފައި ވަނީ ޑރ. މުއިއްޒުއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވީ ޕީޕީއެމްއާ ގުޅިވަޑައިގެން އެއްސަބަބަކީ އެމްޑީޕީގެ ދޯހަޅި ސިޔާސަތާއި އަދުލުއިންސާފު އެމީހުން ބޭނުވާގޮތަށް މާނަކުރާތީ ކަމަށެވެ. އަދި މިހާރު މިއޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެނައުމަށް ޕީޕީއެމްއާ އެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މީގެކުރިން އެމްޑީޕީގައި ހުންނެވި އާއްޓޭވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ދެކަފިވެގެންދިޔަ އިރު އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ތާއީދު ކުރައްވާފައެވެ.
2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބ. އޭދަފުށި ދާއިރާއަށް ވާދަކުރެއްވި އަދި އެޕޯލޯ ކުންފުނީގެ ކުރީގެ އެއް ހިއްސާދާރު ކަމަށްވާ އާއްޓޭއަކީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިއެކެވެ.