ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިފެހެއްޓި ހ. ރީދޫގެ، އިސްމާއިލް ސުހައިލްގެ ދަބަހުން ފެނުނީ މަސްތުވާތަކެތި ކަމަށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ އޭޕްރީލް 2، 2019 ވީ ދުވަހުގެ ރޭ 12:30 ހާއިރު، މެންދޫ-5 ނަމަކަށް ކިޔާ ދޯންޏެއްގައި ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ހުޅުމާލެ ފަޅުތެރޭގައި އޮތް އެ ދޯނި ބަލައި ފާސްކުރުމަށް ފަހުއެވެ.
އެ ދޯނި ބަލައި ފާސްކުރި އިރު، ސުހައިލްގެ ދަބަހެއް އެ ދޯނީގައި އޮތް އިރު، އެ ދަބަސް ތެރެއިން ވަނީ ބާޒާރު ކޮތަޅެއްގެ ތެރޭގައި އޮތް ޓީޝޫގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި 3 ދަޅު ފެނިފައެވެ. އެ ދަޅުތަކުގައި 86.5285 ގްރާމްގެ ކެނަބިސް ހުރި ކަމަށް ތަހުލީލުހން ދައްކާތީ، ސުހައިލްގެ މައްޗަށް ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގައި ސުަހައިލް ހުއްޓުވައި ފުލުުހުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ނޭނގޭ މީހަކު ގއ. ވިލިނގިލީގައި ހުންނަ ގަރާޖަކަށް ގެންދިއުމަށް އެދި އެއްޗެއް ހަވާލު ކުރި ކަމަށެވެ. ޓިޝޫއަކަށް ލާފައި އޭނާއަތަށް ދިން ބާޒާރު ކޮތަޅެއްގައި ވަނީ ތިން ބެޓެރި ކަމަށް އެ ދުވަހު ސުހައިލް ބުނެފައި ވެއެވެ. އަދި ސީން ގައި ވެސް ޝަރީއަތުގައި ވެސް އެ ދަބަހުން ނެގި ބާޒާރު ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި، މީހަކު ދިން ބެޓެރިތަކެއް ކަމަށް ބުނެ ދިން އެއްޗަކީ ކޮން އެއްޗެއް ތޯ އޭނާ ބަލާފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ސުހައިލްގެ ދިފާއުގައި ވާހަކަ ދައްކަމުން އެ ދޯނީގެ ކައްޕި ބުނެފައި ވަނީ، ދުވަހަކު ވެސް ސުހައިލް މަސްތުވާތަކެތި ބޭނުން ކުރާތަން ފެނިފައި ނުވާ ކަމަށާއި އެ ދޯނި ފަޅުތެރޭގައި އޮންނަ އިރު އެއަށް ކޮންމެ މީހަކަށް ވެސް އަރައި ފޭބޭނެ ކަމަށެވެ. ދަބަސް ހުރި ތަނަކީ ވެސް ތަޅުލާފައި ހުރިތަނެއް ނޫން ކަމުން އެއަށް މީހަކަށް އެއްޗެއް ލެވިދާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް މީހަކު އެއްޗެއް ރަށަށް ފޮނުވަން ހަވާލު ކުރި އިރު ސުހައިލް ވަނީ އެ އެއްޗެއް ބަލައި ފާސްކޮށްފައެވެ. އަދި އޭގައި ހުރީ ރަނގަޅު އެއްޗެއް ނޫން ކަން އެނގުމުން ސުހައިލް ބުނެގެން ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި އެ ފަހަރު ފުލުހުން މީހަކު ހައްޔަރު ކުރި ކަމަށް ކައްޕި ބުނެފައި ވެއެވެ.
ކުރިން މިފަދަ ހާދިސާއެއް ދިމާވެފައި ވީ ނަމަވެސް މި ފަހަރު ސުހައިލް އޭނާއަށް މީހަކު ދިން އެއްޗެއް ބަލާފައި ނުވަނީ ކީއްވެ ކަމާ މެދު ޝަރީއަތުގައި ވަރަށް ބޮޑަށް ބަހުސް ކުރެވުނެވެ. އަދި ބެޓެރި ޒާތުގެ އެއްޗަކީ ޓިޝޫކޮޅަކަށް ލާފައި ދޭނެ އެއްޗެއް ނޫން ކަން އެނގޭނެ ކަމަށް ވެސް ދައުލަތުން ބުނެފައި ވެއެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ސުހައިލްގެ ދަބަހުގައި 86 ގްރާމްގެ ކެނަބިސް ބަހައްޓާފައިވާ ކަން ސާބިތު ވެފައި ވާތީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން އޭނާ އުމަރަށް ޖަލަށް ލާން ހުކުމް ކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.
އެ ޖޫރިމަނާ ފައިސާ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީއަށް ދެއްކުމަށް އެ ހުކުމުގައި ބުނެފައި ވެއެވެ. އަދި ސުހައިލް ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު އޭނާ ތަންފީޒް ކުރަން ޖެހޭނީ 24 އަހަރައި 10 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.