ފުލުހުން ތަހުގީގުކުރި މައްސަލައެއްގެ ތަހުގީގު ބަޔާނުގައި، އެހެން ފުލުހެއްގެ ނަމުގައި އިނގިލީގެ ނިޝާން ޖެހި މައްސަލައިގައި ވަކިކުރި އޮފިސަރު، އެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ 2016 ވަނަ އަހަރު ގއ. ވިލިނގިއްއަށް އެ ރަށު އެރޯމާ އަބްދުالله މަޖީދު، 'ސައިމާ' ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސީނަށް ދިޔަ ފުލުސް އޮފިސަރު ތަހުގީގަށް ދިން ބަޔާނަށް އިންކާރު ކުރުމާ ގުޅިގެން އެ އޮފިސަރުގެ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ތަނުގައި އެ މައްސަލަ ބެލި އައިއޯ ޕޮލިސް ކޯޕްރަލް އަހްމަދު އިބްރާހީމްގެ ވައަތު އިނގިލީގެ ނިޝާން ޖަހާފައިވާ މައްސަލައެވެ.
މި މައްސަލަ ޕޮލިސް ބޯޑުން ބެލުމަށް ފަހު އެ ބޯޑުން ވަނީ މި އަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަހްމަދު އިބްރާހީމް ހިންގާފައިވާ އަމަލެއް ކަމަށް ނިންމާފައެވެ. އެހެންކަމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާ، އެ ނިންމުމަށް ސިވިލް ކޯޓުން ތާއީދު ކުރުމުން އަހްމަދު އިބްރާހީމްގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ.
އެ މައްސަލައިގައި ހައިކޯޓުގައި އަހްމަދު އިބްރާހީމް ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާ އަލުން ރުޖޫއަ ކޮށްދިނުމަށް އެދިފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ސާޖެންޓް ރޭންކުގެ ޕްރޮމޯޝަނެއް ހައްގުވެފައި ވަނިކޮށް ކަަމަށާއި އެހެންކަމުން އޭނާ ވަޒީފައިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރާ ދުވަހާ ހަމައަށް ސާޖެންޓް ރޭންކުގެ މުސާރައާއި އިނާޔަތް ދިނުމުގެ އަމުރަކަށް ވެސް އޭނާ އެދުނެވެ.
މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ އަހްމަދު އިބްރާހީމްގެ ކިބައިން ފެނިފައިވާ އަމަލަކީ ފުލުހުންގެ މަސައްކަތާމެދު ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ގެއްލިދާނެ އަމަލެއް ކަމަށް ބުނެފައެވެ. އަދި މި އަމަލީ ނުޙައްގުން މީހަކަށް އަދަބެއް ލިބިދާނެ އަމަލަކަށް ވާތީ، މިއީ ޒިންމާދާރު މަގާމެއްގައި ހުރި ފަރާތުން އަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށް ބުންޏެވެ.
ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު މިއަދު ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް އޭނާގެ ވަޒީފާ އަބުރާ ދޭން ނުޖެހޭނެ ކަމަށް ނިންމާފައެވެ.