ރައްޔިތުން މަތިން ހަނދާން ނައްތާލާ ވެރިންގެ މަތިން ރައްޔިތުން ވެސް ހަނދާން ނައްތާލަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މިހާރު ގދ. އަތޮޅަށް އިދިކޮޅުން ކުރަމުން ގެންދަވާ ދަތުރުގައި ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައްޔިތުން، ވެރިން އިންތިހާބު ކުރަނީ އެ މީހުންގެ ފަރާތުން ހިދުމަތްތަކަށް އެދިތިބެ ކަމަށާއި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ އެތައް ކަމެއް ހާސިލު ކުރުމަށް ކަމަށެވެ.

ވެރިން އިންތިހާބު ކުރަނީ ވަރަށް ބޮޑު އިތުބާރަކާއި އުންމީދަކާއެކު ކަން ފާހަގަ ކުރައްވާ ޣައްސާން ވިދާޅުވީ ބުރަ މަސައްކަތުން އާއިލާތައް ގެންގުޅެނީ ވަނީ އުންމީދުތަކެއް ހުރެގެން ކަމަށާއި މުސްތަގުބަލަށް ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކުގައި މިއަށް ވުރެ ރަނގަޅު ދިރިއުޅުމެއް އުޅޭނެ ކަމުގެ އުންމީދުގައި ރެއާއި ދުވާލު އަތްވާއި ހޫނުގައި މަސްވެރިކަން ކުރާ މަސްވެރިން އެ މަސައްކަތް ކުރަނީ ތުއްތު ދަރިންނަށް މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.

އެހެންނަމަވެސް ސިޔާސީ ގޮތުން ދޮގު ވާހަކަތައް ދައްކައިގެން އިންތިހާބުތައް ކާމިޔާބު ކުރުމަށްފަހު ރައްޔިތުން މަތިން ހަނދާން ނައްތާލާ މީހުން މަތިން ރައްޔިތުން ހަނދާން ނައްތާލަން ޖެހޭ ކަމަށާއި މި ސަރުކާރު އަންނަ އިންތިހާބުގައި ބަދަލުކުރަން އެބަ ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެހެންނަމަވެސް ސިޔާސީ ގޮތުން ދޮގު ވާހަކަތައް ދައްކައިގެން އިންތިހާބުތައް ކާމިޔާބުކޮށްގެން އައިސް ހަނދާން ނައްތާލާ މީހުން މަތިން ރައްޔިތުން އެބަ ޖެހޭ ހަނދާން ނައްތާލަން. މި ސަރުކާރު އަންނަ އޮތް އިންތިހާބުގައި ބަދަލުކުރަން އެބަ ޖެހޭ."
ޣައްސާން

ރޭ ފަރެސްމާތޮޑާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު ވަނީ ފިޔޯރީގައި 3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީއެއްގެ ވައުދުވެވަޑައިގެންފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވަނީ ރައީސް ޔާމީންގެ ޓީމުން ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދު ފުއްދަވާނެ ކަން ޔަގީން ކުރެއްވުމަށް ވިދާޅުވެފައެވެ. އަދި އެ ފެސިލިޓީއެއް ހެދިގެން ދާއިރު ބަނދަރު ތޮއްޓާއި ބަނދަރުވެސް ބޮޑު ކުރެވިގެންދާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ވަރުގެ ފެސިލިޓީއެއް ހެދިގެން ދާއިރު މަސް ފެސިލިޓީއަށް ގެންދިއުމަށް އެއްގަމުގައި ބަރު އުޅަނދުފަހަރު ދުއްވަން ޖެހުމާއެކު މަގުތައް ވެސް ހެދިގެންދާނެ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ޓީމުން ވެވަޑައިގަންނަވާ ވައުދުތަކަކީ ވަރަށް ބޮޑަށް ވަށާޖެހޭގޮތަށް ރައްޔިތުނަށް އޭގެ ފައިދާވާނެ ގޮތަށް ވެވަވަޑައިގަންނަވާ ވައުދުތައް ކަމަށް ޣައްސާން ވިދާޅުވިއެވެ.

މުއިއްޒަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާ ޣައްސާން ވިދާޅުވީ މިއީ ހަގީގަތުގައި އަމިއްލަ ކުރިމަގަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި ރައީސް ޔާމީންގެ މިނިވަން ވެވަޑައިގަންނަވަން އެންމެ ފަހި ފުރުސަތު ކަމަށެވެ.