ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވާދިނުމަށް އެދި އާދޭސް ދެންނެވުމުން، އަރަބިއްޔާގެ ކަންތަކުގައި ބެލެނިވެރިން ގާސިމަށް ދެންނެވި އާދޭސް ހަނދާންނެތުނީތޯ ސުވާލު އުފައްދާ، ބެލެނިވެރިން އެކަމަށް ރައްދު ދީފިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ ހެޓޮލް ޖެން ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް އެދިވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ޕާޓީއެއް ކުޑަ ޕާޓީއެއް ނުބަލާ ރަނގަޅު ކެންޑިޑޭޓަކު އިހްތިޔާރު ކުރުމަށެވެ.
އަދި ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތުގެ ފަހަތުގައި އޮތީ އެންމެ އެދިވަޑައިގަތުމެއް ކަމަށާއި އެއީ އޭނާ އެކޭ އެއްފަދައިން ރައްޔިތުންވެސް ތަނަވަސް ކޮށްދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރައްވާނެ ގޮތާއި ތަޖުރިބާ އޭނާގެ ކިބައިގެ ހުރި ކަން ފާހަގަ ކުރައްވާ އެދިވަޑައިގަތީ އެންމެ ފަހަރަކު ނަމަވެސް އޭނާ ވެރިކަމަށް ހޮވާ ޓެސްޓް ކޮށްލުމަށެވެ.
އެކަމަށް ރައްދު ދީ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ހިންގަމުން އަންނަ ޓްވިޓާ އެކައުންޓުން ބުނީ ވަނީ މީގެ ދެތިންމަސް ކުރިން އަރަބިއްޔާ ސުކޫލްގެ އާ އިމާރާތުގެ މަސައްކަތް އަވަސްކޮށްދިނުމަށް މި ސަރުކާރަށް ބާރު އަޅާދެއްވުމަށް ގާސިމްގެ އަރިހުގައި ބެލެނިވެރިން އާދޭސް ކުރި ކަމަށާއި ނަމަވެސް އެކަމަށް މާބޮޑު އަޅާލުމެއް ދެއްވާފައި ނުވާ ކަމަށެވެ.
"މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަރަބިއްޔާ ކަންތައް ނިންމާނީ އެންމެ ރަނގަޅަށް ކަމަށް. ހަނދާން ވޭތޯ" އަރަބިއްޔާ ސުކޫލްގެ ބެލެނިވެރިން ކުރި ޓްވީޓުގައި ސުވާލު އުފައްދާފައި ވެއެވެ.
އަރަބިއްޔާ ސުކޫލާ ގުޅޭގޮތުން މީގެ ކުރިން ގާސިމް ވިދާޅުވެފައި ވަނީ އެ ސުކޫލުގެ ބެލެނިވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ސުކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމަށް އޭނާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ އޮޅުންފިލުއްވާފައި ވާ ކަމަށެވެ. ނަމަވެސް އެކަމުގެޅޭ މާ ބޮޑު ތަފްސީލެއް ގާސިމް ހާމަކުރައްވާފައި ނުވެއެވެ.
އަރަބިއްޔާ ސުކޫލްގެ އިމާރާތަށް ބޮޑެތި ގެއްލުންވި ނަމަވެސް އެ ސުލޫކުގެ އިމާރާތް މަރާމާތުނުކޮށް ކިޔަވައިދެމުން ދިއުމުން އެއީ ދަރިވަރުންނަށް ރައްކާތެރިގޮތެއް ނޫން ކަމަށް ބުނެ ބެލެނިވެރިން މުޒާހަރާ ކުރުމާ ގުޅިގެން ވަގުތީ ހައްލެއް ހޯދާ ދިނުމުގެ ގޮތުން ދަރިވަރުން ވަނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކޮށްފައެވެ.
ސުކޫލުގެ ދާއިމީ އިމާރާތް މި ދައުރުގައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް މިއަހަރުގެ ދިރާސީ އާ އަަހަރު ފެށި މިއަދާ ހަމައަށްވެސް އާ އިމާރާތުގެ މަސައްކަތް ވަނީ ނުނިމިއެވެ. އެއާއެކު އަރަބިއްޔާ ސުކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ކުރިން ދަރުމަވަންތަ ސުކޫލް ވަގުތީ ގޮތުން ހިންގި އިމާރާތުގައެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިން ހަމަޖައްސާފައި ވާއިރު އެ އިމާރާތް އެޅުމަށް ވަނީ އަމީން ކޮންސްޓްރަކްޝަން އާ ހަވާލު ކޮށްފައެވެ. 420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލު ކޮށްފައި ވާއިރު މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ގާސިމް އާދޭ. މިގޭގަ އެބައިން ލެބޯޓަރީ އެއް. ތީ މާބޮޑުކަމެއް ނޫން. ޓެސްޓް ކޮށްލެވިދާނެ. ބޭސްފަރުވާއަށް އިތުރު އެހީއެްް އެދުމުން ވެސް ބުނީ ތިހެން. މިގެއިން ކަލެއަށް ވެރިކަން ކުރެވިދާނެެ ކަމުގެ ފެންވަރު ބަލާ ޓެސްޓް މަ ހަދާދޭނަން. އާދޭ