ތަފާތުއެކިއެކި ބަލިތަކަށް ފަރުވާ ކުރާ އެތައް ބަޔަކު އަހަރެމެންގެ މި ކުޑަ ކުޑަ މުޖުތަމައުންވެސް ފެނެއެވެ. އެންމެ ކުޑަކުދީންނުން ފެށިގެން މުސްކުޅި ފުރާގެ މީހުންނާ ހަމައަށްވެސް މެއެވެ. ބަލިހާލަތު ހުރި ގޮތުގެ ސަބަބުން ހޮސްޕިޓަލުގައި އެތައް ދުވަހަކު އެޑްމިޓް ވެފައި ތިބި ނުވަތަ 'ބެޑްރިޑެން ޕޭޝަންޓްސް' ވެސް ފެނިގެންދެއެވެ. އައިޖީއެމްއެޗް ނުވަތަ އެނޫންވެސް ހޮސްޕިޓަލަކަށް ގޮސްފި ކޮންމެ މީހަކަށްވެސް މިއީ ފެންނާނެ މަންޒަރެއް ކަން ކަށަވަރެވެ.

މަހަކު 6500 އަށް ވުރެ ގިނަ ޕޭޝަންޓުން

ނިމިދިޔަ ބާރަ މަހުގެ ތެރެއިން ކޮންމެ މަހަކުވެސް 6500 އަށް ވުރެ ދަށް ނޫން އަދަދެއްގެ މީހުން އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަނީ ދައްކާފައެވެ. އަދި ކްލިނިކަލް އޮބްޒަވޭޝަންގެ ދަށުން މަހަކު އެވްރެޖްކޮށް 250 މީހުން ވަނީ އެޑްމިޓް ކުރެވިފައެވެ. އެގޮތުން އެންމެ ގިނަ މީހުން ފަރުވާ ހޯދާފައި ވަނީ އެތެރެ ހަށީގެ މައްސަލަތަކާއި، އަންހެނުންގެ ހާއްސަ ބަލިތަކަށާއި، ތުއްތު ކުދިންގެ ހާއްސަ މައްސަލަތަކުގެ އިތުރުން ރާއްޖޭގައި އެންމެ އާންމު އެއް ބަލި ކަމުގައިވާ ހަކުރު ބައްޔަށެވެ.

އައިޖީއެމްއެޗް

ހަކުރު ބަލި ޖެހުމަކީ ލޭގައި ދައުރުވާ ހަކުރު ހުންނަންވާ ވަރަށް ވުރެ މައްޗަށް ގޮސްފައި ވުމެވެ. މިބަލި ކުރިމަތިވަނީ ހަށިގަނޑުގައި "އިންސުލިން" ބޭނުން ކުރާގޮތް ނުވަތަ އުފައްދާ ގޮތަށް މައްސަލައެއް ދިމާވުމުންނެވެ. މިސާލަކަށް ޗިސްމޭ ނުވަތަ ޕެންކްރިއާސް އިން ލޭގެ ތެރެއަށް އެކަށޭނަ ވަރަށް އިންސުލިން ފޯރުކޮށް ނުދިނުމެވެ. އިންސުލިން އަކީ ކާނާގެ ތެރޭގައި ހިމެނޭ ގުލުކޯޒް ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯމޯންއެވެ.

މީގެއިތުރުން ތަފާސްހިސާބުތައް ދައްކާ ގޮތުން އައިޖީއެމްއެޗަށް ފާއިތުވި 12 މަސް ތެރޭ އެވްރެޖްކޮށް ކޮންމެ މަހަކު ކާޑިއޮލޮޖީގެ 756 ޕޭޝަންޓުން، އެންޑޮކްރިނޮލޮޖީގެ 328 ޕޭޝަންޓުން، ނިއުރޮލޮޖީގެ 264 ޕޭޝަންޓުން އަދި އޮންކޮލޮޖީގެ 168 ޕޭޝަންޓުން ދައްކާފައި ވެއެވެ. މިފަދަ އެތައް ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ގައިނޮކޮލޮޖީ ޑިޕާޓްމެންޓުގައި 40 އެނދު ބަހައްޓާފައިހުރި އިރު 8 ޑެލިވަރީ ބެޑުގެ އިތުރުން ސާޖަރީ ތަކަށް ހާއްސަ 31 ބެޑް ހުރެއެވެ. އަދި 20 ޑަޔަލިސިސް ޗެއާގެ އިތުރުން 24 އައިސީޔޫ ބެޑާއި އެމަޖެންސީ ހާލަތްތަކަށް ހާއްސަ 42 ބެޑު ބެހެއްޓިފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް އެއްލައްކައަށް ވުރެ ގިނަ ޕޭޝަންޓުން

ނިމިދިޔަ 2021 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލަށް އޯޕީޑީއަށް ޖުމުލަ 45،794 ޕޭޝަންޓުން ދައްކާފައިވާއިރު ޖެނެރަލް ކޮންސަލްޓެންޓުގެ ގޮތުގައި ދެއްކި މީހުންނާއެކު ޖުމުލަ 122،860 މީހުން ވަނީ ދައްކާފައެވެ. އެމަޖެންސީ ޔުނިޓުގެ ގޮތުގައި އެޑްމިޓްކޮށް 2594 މީހަކަށް ފަރުވާ ދެވުނު އިރު އައިސޮލޭޝަން ރޫމްގައި އެޑްމިޓްކޮށް 960 މީހުންނަށް ވަނީ ފަރުވާދެވިފައެވެ.

އާސަންދައިން ކޮންމެ އަހަރަކަށް ބޮޑު ހަރަދެއް

އާސަންދައިގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުން ސިއްހީ ފަރުވާއާއި ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތްދެއެވެ. އަދި ބަލިމީހާއަށް ދިމާވާ އެމަރޖެންސީ ހާލަތްތަކުގައި، ބަލިމީހާ އެވަގުތަކު އެޑްމިޓްކޮށްފައި އޮތް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ފަރުވާދެވެން ނެތްނަމަ ނުވަތަ އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ފޮނުވަންޖެހޭނަމަ އެކަމަށް ސީއެމްބިއުލަންސް، އަމިއްލަ ސްޕީޑް ލޯންޗް، ޝެޑިއުލްޑް ފްލައިޓް، ޗާޓަޑް ފްލައިޓް އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުން ހިމެނެއެވެ.

އާސަންދަ /ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އާސަންދަ ސްކީމް މެދުވެރިކޮށް 2020 ވަނަ އަހަރު 326،621 މީހުންނަށް ފަރުވާ ދީފައިވާއިރު މި އަދަދު 2021 ވަނަ އަހަރު ވަނީ 342،153 އަށް އިތުރުވެފައެވެ. އާސަންދަ ސްކީމް މެދުވެރިކޮށް ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް 2020 ވަނަ އަހަރު 3،248 ކޭސް އެޕްރޫވް ކޮށް 2021 ވަނަ އަހަރު ވަނީ 5،722 ކޭސް އެޕްރޫވް ކޮށްފައެވެ.

މެރަނާ ސްކީމް މެދުވެރިކޮށް 2020 ވަނަ އަހަރު 281 މީހަކަށް ފަރުވާ ދެވިފައި ވާއިރު މި ސްކީމްގެ ބިލްތަކަށް އެކި ފަރާތްތަކަށް އެ އަހަރު 2،797،086 ރުފިޔާ ވަނީ ދައްކާފައެވެ. އަދި 2021 ވަނަ އަހަރު 3،036،498 ރުފިޔާ ވަނީ ދައްކާފައެވެ.

އާސަންދަ ސްކީމްގެ ދަށުން 2022 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން 2023 ގެ ޖަނަވަރީ އަށް ހިދުމަތް ހޯދި މީހުންގެ އަދަދާއި ޓްރާންސެކްޝަންތަކުގެ ޖުމުލަ ހަރަދު ތިރީގައި މިވަނީއެވެ:

އޮކްޓޯބަރު 2022 އިން ޖެނުއަރީ 2023 އަށް އާސަންދައިން ހިދުމަތް ހޯދި މީހުން އަދި ހިދުމަތައް ކުރި ހަރަދު

މި އަހަރީ ރިޕޯޓުތަކުގެ ތަފާސްހިސާބުތަކުން އެނގިގެންދަނީ އަހަރަކަށް ފަހު އަހަރެއް އެކިއެކި ބަލިތަކުގައި ފަރުވާ ހޯދާ މީހުންގެ އަދަދުތައް އިތުރުވެގެން ދާތަނެވެ. އަދި ޖުމުލަ ހަރަދުތައް ބޮޑުވެގެން ދާތަނެވެ.