ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް އުރީދޫން ހަދައިފިއެވެ.

އުރީދޫން ބުނީ، ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާ ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ލަންދޫ ކައުންސިލްގެ ރައީސް، އަބްދުލްއަޒީޒު މުހައްމަދު ވިދާޅުވީ، ލަންދޫ ކައުންސިލުން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ. މީގެ އިތުރުން ކައުންސިލް އިން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމީ ކައުންސިލަށް ވެސް ލިބިގެންދިޔަ ވަރަށް ބޮދު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސާ ގެ މުއާމަލާތްތައް އިތުރަށް ފަސޭހަ ކުރުމުގެ އިތުރުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ވެސް ޕްރޮމޯޓްވެގެން ދާކަމެއް.
ލަންދޫ ކައުންސިލްގެ ރައީސް، އަބްދުލްއަޒީޒު މުހައްމަދު

އެކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ، ހާލިދް އަލް ހަމާދީ ވިދާޅުވީ، އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޑިޖިޓަލް ރާއްޖެއެއް އުފައްދާ، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތާ މި ޕާޓްނާޝިޕް ވަރަށް ބޮޑަށް ގުޅޭ. މި ޕާޓްނާޝިޕާއެކު އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި، މި ސަރަޙައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ، ހާލިދް އަލް ހަމާދީ

މި ޕާޓްނާޝިޕް އާއެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރުމަށް ލަންދޫ ކައުންސިލްގެ ވިސްނުން ވެސް ރަމްޒުކޮށްދޭ ކަމަށް އުރީދޫން ބުނެއެވެ.

އެމް-ފައިސާއަކީ ކޮންމެތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެއް ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.