ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަކީ އިއްޒަތާއި ޝަރަފާއި ޖާހާއި ހައިބަތު އެ މަގާމެއްގެ މައްޗަށް އޮންނަ އަދި ރިޔާސީ ނިޒާމުގައި އެންމެ ބާރުގަދަ ފަރާތެވެ. އެންމެ ޒިންމާވެސް ބޮޑު، ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ ފަރާތްވެސް މެއެވެ.

ރާއްޖޭގެ ސިޔާސީ ހަގީގަތުގެ މައްޗަށް ބަލާނަމަ، ރައީސަކީ އަގެއް ހުރި، އަބުރެއް އޮތް، އިއްޒަތެއް ހުރި ބޭފުޅަކަށް މިހާރު ނުވެއެވެ. ގޭގޭގެ ސިޓިންރޫމްތަކުގައި އަނބިދަރިންނާ އެކު ތިބެ ޓީވީތައް ބަލާލެވޭ ވަރެއް ނޫނެވެ. އަވަގުރާނަ ގޮވުމާއި، އަބުރު ކަތިލުމާއި، ނެތިމޮށުމާއި ފުރައްސާރަ އަމާޒު ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ރައްޔިތުންގެ ބޮޑު އާބާދީއެއްގެ ބަޔަކު ވޯޓުލައިގެން ހޮވާ ރައީސުލްޖުމްހުރިއްޔާގެ ހައިބަތާއި ކަރާމާތަށް އަރައިގަންނަމުން ދަނީ، ފީކުދާނަކަށް ދޭ އިހުތިރާމްވެސް ނުކޮށެވެ.

އަންނަ ރިޔާސީ އިންތިހާބަށް 25 އަކަށް ދުވަސް ބާކީ އޮތް އިރު، އެކި ކެންޑިޑޭޓުން ގެންދަވަނީ، އެބޭފުޅަކަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ކުރައްވާނެ އެތައްކަމެއް، އެތައް ގޮތެއް ހުށަހަޅަމުންނެވެ. އެކަކު، ކުދިން ބަލަން ގޭގައި ތިބޭ މީހުނަށް 20،000 ރުފިޔާގެ އުޖޫރައެއް ދޭން ބުނާ އިރު އަނެކަކު ބުނަނީ، ރޭލު ދަތުރުން މާލެ އާއި ހުޅުމާލެ ގުޅާމާލެ ކަމަށެވެ. ދެން ހުރި މީހާގެ ވައުދަކީ، ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި އެމީސްމީހުންގެ އަނބި ދަރިންނަށް ހިލޭ ބޯހިޔާވަހިކަން ދިނުމެވެ. ދެން ހުރީ ޑްރަގާ ގުޅުން ހުރި ކަންކަން ހައްލު ކުރަން، ކަނޑުމަތިން ބަޑިޖަހާ އުޅަނދު ފައްތާލަން ވައުދުވާ މީހެކެވެ. އަނެކަކު ވައުދުވަނީ، 10 މިނެޓް ދުރުގައި އޮންނަ ދެރަށުގައި ވެސް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އަޅާށެވެ. ކޮންމެ އަތޮޅެއްގެ 2 ބިތުގައި، ކިތަންމެ ގާތަސް އެއާޕޯޓްވެސް އަޅާށެވެ. އަނެކަކު ވައުދުވަނީ، އާބާދީ ބޮޑެތި ތަންތަން ތަރައްގީ ކުރާށެވެ. ދެން ހުރި މީހާގެ ވައުދަކީ ޖީއެސްޓީ 3 ޕަސެންޓަށް ކުޑަކޮށްލުމެވެ.

ވައުދުގެ މި ލިސްޓުތައް ދިގެވެ. 100 އިން 200 އިން ވައުދު ވަމުން ގެންދާ އިރު، ރިޔާސީ އިންތިހާބަސް ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން، ވެރިކަމާ އެންމެ ގާތީ، ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ރާއްޖޭގައި ސިޔާސީ ހަރަކާތް ހިނގާގޮތާއި، މެންބަރުންނާއި ތާއިދު އޮތް ގޮތަށް ބަލާއިރު، އެ ދެފަރާތަކީ މިއަދުވެސް އަދި މާދަންވެސް އެ ހަގީގަތް އެ މައްޗަށް އޮތް ގޮތެވެ. ދެން ވާދަ ކުރައްވައި އެއްވެސް ކެންޑިޑޭޓަކީ ވެރިކަމާ ހަމައަށް ވަޑައިގެންނެވެނެ ކެންޑިޑޭޓެއް ނޫނެވެ.

ގާސިމް އިބްރާހިމް

ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ވިލާ ގްރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ، ފާއިތުވި ގިނަ ދައުރުތަކެއްގައި ވެރިކަމަށް ކުރިމަތިލެއްވި އެހެނަސް ކާމިޔާބު ނުވި ކެންޑިޑޭޓެކެވެ. ކޮންމެ ފަހަރަކުވެސް ޖެހިވަޑައިގަންނަވަނީ ދެވަނަ ބުރެއްގައި އެމްޑީޕީ، ނޫނީ ޕީޕީއެމްގެ ކެންޑިޑޭޓުގެ ފަހަތަށް ވަޑައިގަންނަވާށެވެ. އެހަގީގަތް މިއަދުވެސް އެހެން އޮތްކަން އެނގިވަޑައިގެންވެސް ބޮޑެތި ވައުދުތަކާއެކު "ހާސްކަނޑާލަން" ވިދާޅުވަމުން ގާސިމް ނިކުންނެވީ ކީއްކުރަން ހެއްޔެވެ؟ މުދާވެރިއެކެވެ. ފައިސާވެރިއެކެވެ. މަދުވާ އެއްޗެއް ނެތެވެ. ރީތިކޮށް ބަސްއަހައިގެން އަމިއްލަ ރިސޯޓުގައި އަސްދޫންޏަށް ކާންދެއްވަން އިންނެވެން އޮއްވައި މި އުޅުއްވަނީ ކޮންކަމަކާތޯއެވެ. އިލެކްޝަންގައި އޮންނަ ޖޭޕީގެ ދަފްތަރުގައި 22،607 މީހުން އޮތް ކަމަށް ދެއްކިޔަސް ގިނަ މީހުންނަކީ އެމީހުނަށް ވެސް ނޭނގި އެ ޕާޓީގެ ދަފްތަރުގައި ޖައްސާފައި ތިބި މީހުންނެވެ. އެއީ ގާސިމަށް ވޯޓު ލާނެ ބަޔަކަށް ނުވާއިރު، މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެންވެސް ގާސިމްގެ އުފަން އަތޮޅު އދ. އާއި އއ. ގެ އިތުރުން ލ. އަތޮޅުން ފިޔަވައި އެކަށީގެން އަދަދެއްގެ ވޯޓެއްވެސް ލިބޭތަނެއް ނުފެނެއެވެ.

ޕާޓީގެ ލިޑާޝިޕުން ފެންނަނީ މުޅިންވެސް ފެއިލް ޕްރޮޑަކްޓެވެ. އާންމުންގެ ތެރޭގައި ބަސްވިކޭ ހަމަ އެކަކުވެސް ނެތެވެ.

ކާނަލް ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމަކީ، މި އިންތިހާބަށް އާ މޫނެކެވެ. އެހެން ނަމެވސް ކުރީގެ ސަރުކާރުތަކުގައި ނާޒިމް ދައްކަވާފައި ވާ ކުޅަދާނަ ކަމުގެ މަތީގައި އޭނާ ޓެސްޓްކޮށްލަން ބޭނުންވާ ބައެއް އާންމުން އެބަތިއްބެވެ. ނަމަވެސް އެއީ ނިސްބަތުން މަދު ބައެކެވެ. ނާޒިމްގެ ކެމްޕެއިން ވައުދުތަކުގެ ތެރޭގައި ފާހަގަ ކުރައްވައި ބައެއް ކަންކަމަކީ ގައުމުގެ އިގުތިސޯދީ ހާލަތާ ބައްދަލު ވައުދުތަކެއް ނޫނެވެ. ބޯހިޔާވަހިކަމަށް ހޯދައި ދިނުމާއި ގެސްތްހައުސްތައް އަޅާ ތަޅުދަނޑި ހަވާލު ކުރުމާއި މާލެ، ހުޅުމާލެ ރޭލުން ގުލާލުމން ފަދަ ވައުދުތަކެވެ. އަދި ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް ހައްދަވަން ވިދާޅުވާ ވައުދަކީވެސް އޭގެ ނުފުށަށް ބަލާލަން ޖެހޭ ވައުދެކެވެ. ކިޔަވައިދެވިދާނެއެވެ. ވަޒީފާ ކޮބާހެއްޔެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރު އޮތް ގޮތުން، ކިތަންމެ ވަރަކަށް ކިޔެވިޔަސް ވަޒީފާގެ ޔަގީން ކަމެއް ނެތެވެ. ސިޔާސީ ޕާޓީއާއި ސިޔާސީ އެކްޓިވިސްޓުންނަށް ދީފައި ބާކީއެއް ނުވެއެވެ. ވަޒީފާ އުފެއްދޭނެ އިންޑަސްޓްރީތަން ނެތް ތަނެއްގައި މުޅި މައްސަލައަށް ދޭނެ ފަރުވާއެއް ނާޒިމަކަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9،838 މީހުން ތިބި ކަމަށް ދައްކާ އިރު، އެއީ އަދި ނާޒިމަށް ލިބޭނެ ވޯޓުގެ އަދަދެއް ނޫނެވެ. ގާސިމް ފަދައިން ގިނައީ 'ޕެއިޑް' މެންބަރުންނެވެ.

ދެން ތިބި ކެންޑިޑޭޓުން

އަމިއްލަ ގޮތުން ވާދަކުރައްވަން ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ޑިފެންސް މިނިސްޓްރީގައި ކުރިން ވަޒީފާ އަދާކުރެއްވި ހަޒަން ޒަމީލްގެ ދެމަފިރިންނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްޑީޕީގެ ތެރެއިން "ފޫވައް ނެއްޓި" ނިކުތް ޑިމޮކްރެޓިކް ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ދައްކާނެ މާ ގިނަ ވާހަކައެއް ނެތެވެ. އެއީ އަންނަ އިންތިހާބުގެ 'ސީން' ގައި ތިބި ބައެއް ކަމަށް ބެލޭކަށްވެސް ނެތެވެ. މި ކެންޑިޑޭޓުންގެ ތެރެއިން، ރައީސް މުހައްމަދު ނަޝީދުގެ ހިޔަނީގައި ހުންނެވި އިލްޔާސް ލަބީބު ފިޔަވައި ދެން ތިބި ކެންޑިޑޭޓުންނަށް 2000 އެއްހާ ވޯޓު ލިބުނަސް ސާބަހެވެ. ނަޝީދުގެ ތާއީދު ރާއްޖޭގައި އޮތް ގޮތާއި، އެ 'ފިކުރަށް' ތަބާވާ މީސްކޮޅެއް ތިބުމުން، އެމަނިކުފާނުގެ ހިޔަނީގައި ހުންނެވުމުން ލަބީބަށް އެކަށީގެންވާ އަަދަދެއްގެ ވޯޓު ލިބިދާނެކަމަށް ފެނެއެވެ.

ވޯޓު ލިބޭނެ ކަމަށް ފެންނަ ގޮތް

  • ޑރ. މުހައްމަދު މުއިއްޒު – 80،000 ވޯޓު
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު – 70،000 ވޯޓު
  • ގާސިމް އިބްރާހިމް – 15،000 ވޯޓު
  • ކާނަލް ނާޒިމް – 7،000 ވޯޓު
  • އިލްޔާސް ލަބީބު – 10،000 ވޯޓު
  • އުމަރު ނަސީރު – 2000 ވޯޓު
  • ފާރިސް މައުމޫން – 2000 ވޯޓު
  • ޒަމީލް –500 ވޯޓު
  • ޖުމްލަ ވޯޓު: 186،500
  • ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 282،755 މީހުން

ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކެންޑިޑޭޓު ވެވަޑައިގަންނަވާ ވައުދުތަކާ އެއްވަރަށް ދައުރު ނިމިގެން ދާއިރު ކަންކަން ކޮށްނުދެވުމުގެ މާޔޫސް ކަންވެސް ބޮޑެވެ. ވެރިންނާމެދު ކުރެވޭ އުއްމީދުވެސް އެ ނިސްބަތުން ދަށް ވެގެން ދެއެވެ. އެހެން ކަމުން ނިމިދިޔަ އިންތިހާބާ އަޅާ ކިޔާނަމަ މި އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދުވެސް ބޮޑުތަނުން މަދުވާނެ ކަމަށް ބެލެވެއެވެ. އުއްމީދެއް ކަމެއްގައި ވަގުތު ނަގާލަން ދިވެހިން ބޭނުން ނުވާއިރު، ގައުމުގައި އެއް އަޑަކުން ގުގުމަމުން ދާ 'އިބޫ ނޫން ގޮތެއް' ގެ ހިޔަނީގައިވެސް ގިނަ ބަޔަކު ވޯޓުލާން ނުނިކުތުމަކީ ގާތް ކަމެކެވެ. ހަމައެހެންމެ އިދިކޮޅު ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ނުވުމާއި، ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރު ބައެއް ކަންކަން ކުރައްވާފައި ވާ ގޮތާއި، ޔާމީންގެ ވެރިކަން ނިމެމުން ދިޔަ އިރު ހައުސިން މިނިސްޓްރީ ދޮށަށް މީހުން އެއްކޮށް ދެރޭ ދެދުވާ ހޭލާ ބައިތިއްބާ ގޯތި ލިބޭނެ ކަމަށް ވިދާޅުވެ ދެއްވީ ކަރުދާސްކޮޅެއް ކަން ގިނަ ބައެއްގެ ހަނދާނުގައި ހުރުމަކީ މުއިއްޒާމެދުވެސް އޮތް އުއްމީދަށް ހިޔަނި އެޅިފައި ވުމަކީވެސް ވޯޓުލާ އަދަދު މަދުވާނެ ސަބަބެކެވެ.

ނަމަވެސް އެހެން ހުރިހާ ކެންޑިޑޭޓުންނަށް ވުރެ ގިނައިން މުއިއްޒަށާއި ރައީސް ސޯލިހަށް ވޯޓު ލިބިވަޑައިގެން ދެވަނަ ބުރަކަށް ދާނެކަން ސާފުވާ އިރު، ދެން ތިބި ކެންޑިޑޭޓުން ނުހޮވޭނެކަން އެނގޭއިރުވެސް ވަގުތާއި ފައިސާ 'ތަޅާ ބުރުއްސަނީ' ކީއްކުރަންހެއްޔެވެ.