ފުއްގިރީގެ އަގު ކުޑަ ކަމަށާއި އެ އަގު ކުޑަ ކުރީ ރައީސް ޔާމީން އަންގަވައިގެން ކަަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ވިދާޅުވި ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައި ވަނީ އެމްއެމްޕީއާރުސީގައި މީގެ ކުރިން ބަރެސް ޓޫރިޒަމް ޕްރޮޖެކްޓްގައި މަސައްކަތް ކުރި މުހައްމަދު ޝިފާއުއެވެ.
މެލޭޝިއާގެ ހައިކޮމިޝަނުގައި ހުރެ ހެކިބަސް ދެމުން ޝިފާއު ބުނީ ބައެއް ފަހަރު އެމްއެމްޕީއާރުސީގެ އިދާރީ މަސައްކަތްތަކުގައި ވެސް އުޅެފައިވާނެ ކަމަށާއި ފުއްގިރީގެ މުއާމަލާތުގެ ބައްދަލުވުމެއް ޒިޔަތު އަންގަވައިގެން އިންތިޒާމު ކުރި ކަމަށެވެ. އަދި އެ ބައްދަލުވުމުގެ މީޓިން ނޯޓުގައި ސޮއިކުރި އިރު އެއްބަސްވެފައިވާ އަގު ފެނުނު ކަން ފާހަގަ ކުރަމުން ހެކިވެރިޔާ ބުނީ އެ އަގަކީ މާ ކުޑަ އަގަކަށް ވުމުން އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށެވެ.
އެހެންނަމަވެސް އެ އަގު މިހާރު ހަނދާން ނެތް ކަމަށާއި އެހެންނަމަވެސް އަގު ކުޑަކަން ހަނދާނުގައި ހުރި ކަމަށް ޝިފާއު ވަނީ ބުނެފައެވެ. އަދި ހުށައެޅިފައިވާ އަގަކަށް ވުރެ ކުޑަ އަގަކަށް ފުއްގިރި ދޫކުރަނީ ކީއްވެތޯ އަދީބާއި ޒިޔަތު ގާތު ސުވާލު ކުރުމުން އެއީ ޔާމީނު އަންގަވައިގެން ކަމަށް ވިދާޅުވި ކަމަށް ޝިފާއު ބުންޏެވެ.
މި މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު ސްރީލަންކާގެ ސްރީތަކުމާރުގެ ހެކިބަސް ނަގަން މަސައްކަތްކުރި ނަމަވެސް އިންޓަނެޓުގެ މައްސަލައަކާ ގުޅިގެން ހެކިބަސް އެއްކޮށް ނެގިފައެއް ނުވެއެވެ. އަދި މިއަދުވެސް ހެކިބަސް ނަގަން މަސައްކަތް ކުރި ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި އޭނާގެ ހެކިބަސް ނުނެގުނީ ތަރުޖަމާނަކު ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.
އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިއަދު ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ.