މި ދައުރުގައި 20،000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދިއްޖެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ނ. ލަންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރީގެ ބައެއް ވެރިން ދައްކާ ފަދައިން 80،000، 100،000 ވަޒީފާ އުފެއްދުނު ވާހަކަ ވިދާޅުވާން ބޭނުން ވެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލައިލީމައި 20،000 އަށް ވުރެ ގިނަ ވަޒީފާ މި ދައުރުގެ ތެރޭގައި އުފެދިއްޖެކަން ފެންނަން އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ނެތިން ކުރީގެ ބައެއް ވެރިން ދައްކާހެން 80 ހާސް 100 ހާސް ވަޒީފާ އުފެއްދީމޭ ބުނާކަށް. އެ ހަމަ ބުނެވިދާނެ މިތާ ހުރެފަ. ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 20،000 އަށް ވުރެ ގިނަ ވަޒީފާ މި ދައުރުގެ ތެރޭގައި އުފެދިއްޖެ މިއީ ހަގީގަތް"
ރައީސް ސޯލިހު

ރައީސް ސޯލިހު އެ ވިދާޅުވާ ވެރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އަދި އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ވަޒީފާތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެ މީގެ ކުރިން ތަކުރާރުކޮށް ރައީސް ޔާމީން ދައްކާވާފައިވާ ވާހަކަފުޅަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ނ އަތޮޅަށް ކަމެއް ކުރެވިފައި ވާނަމަ އެ ކަމެއް ކުރެވިފައި ވާނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފާއި އެމަނިކުފާނު ޝާމިލުވާ ގޮތަށް ކަމަށެވެ. އަދި ނ އަތޮޅުގެ މުސްތަގުބަލު ވަރަށް ފަހި ކަމަށާއި ނ އަތޮޅަށް އަންނާނެ ތަރައްގީ ވަރަށް އުޖާލާ ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ނ އަތޮޅުން އެމަނިކުފާނަށް އިތުބާރު ކުރާކަން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ހާމަވެވަޑައިގެންފި ކަމަށެވެ.

ވެރިކަމަށް ވަޑައިގަތީ ޖަޒީރާ ރާއްޖޭގެ ތަސައްވުރާ އެކުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ލަންދޫ ފަދަ ރަށްތަކަށް އިހުމާލުވެފައި އޮތް މިންވަރު އޭރު އިހުސާސް ވެވަޑައިގެންނެވި ކަަމށާއި މިއަދު ލަންދޫގެ އަސާސީ ހިދުމަތްތައް މުޅިން ފުރިހަމަވެ ނިމެމުންދާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ލަންދޫ ބަނދަރު ހުޅުވަން އެ ރަށަށް ވަޑައިގެން ދުވަހު ރައްޔިތުން އެދުނު ފަދައިން ދޯނި އެހެލާ ސަރަހައްދެއް އަދި ހެދިފައި ނުވި ނަމަވެސް އެ މަސައްކަތް މިހާތަނަށް ނުކުރެވި އޮތީ އެމްޓީސީސީއާއި ކައުންސިލާ ދެމެދު އޮތް ކުދި ކުދި ޕްލޭނިންގެ މައްސަލައަކުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންނަކީ މާދަމާގެ ވެރިން ކަމަށް ގަބޫލު ކުރާކަމަށް ވަނީ ނަމަ މިއަދު ޒުވާނުންނަށް ފުރުސަތު ލިބެން އެބަ ޖެހޭ ކަމަށާއި ބަސް ބުނުމާއި ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުން ބައިވެރިކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި އެކަން ފެންނާނެ ކަމަށާއި މި ދައުރު ނިމިގެންދާއިރުވެސް ރާއްޖޭގެ ޒުވާނުންނަށް މީގެ ކުރިން ލިބިފައި ނުވާ ފުރުސަތު އެތައް ގޮތަކުން ލިބިފައިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.