ގެދޮރުވެރިކަމަކީ ހަމައެކަނި ގޯތި ދިނުމާއި އަދި ފްލެޓް އެޅުން ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ގޯއްޗެއް ދިނަސް ގެދޮރު ބިނާވެގެން ނުދާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތު އެންމެ މައްޗަށް ބައްޓަން ކޮށްފިނަމަ ގެދޮރު ބިނާކުރަން ކޮންމެ ރައްޔިތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދެވިދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ހައުސިން ލޯން ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ވާން ޖެހޭކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ފަސޭހަ ކަމާއެކު އަތް ފޯރާ ފަށުގައި ލިބޭ ލޯން ސްކީމްތައް ތައާރަފް ކުރެވިގެން ދާނެކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމުގައި ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓްގައި ލޯނު ދޫކުރާނެ ކަމަށާ ވަކި ޝަރުުތުތަކެއް ހަމަވެގެން އެ ލޯނުތައް ލިބޭނެ ކަމަށެވެ. އަދި މިކަމުގައި އެންމެ ފުރަތަމަ ގެ އަޅާ މީހުންނަށް ހާއްސަ އިސްކަމެއް ދޭނެކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ގެ އަޅަން ފަށުމަށް ފަހު އެ މަސައްކަތް ހުއްޓިފައިވާ ގެތައް ނިންމުމަށް ވެސް ހާއްސަ ސްކީމެއް ތައާރަފް ކުރައްވާނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ފިކުރުކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ކޯލިޝަނަށް ކަންކަން ދަސްވެފައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަަމަށެވެ.