ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ނޮޅިވަރަމަކީ ކުޅުދުއްފުށި ސިޓީ ފިޔަވައި ހދ. އަތޮޅުން އެންމެ އާބާދީ ބޮޑު ރަށް ކަމާއި ނޮޅިވަރަމަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ނޮޅިވަރަމުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގާ އެހެން ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ރައްޔިތުން އެންމެ ގިނަ ސަރަހައްދުތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

  • ރަށުގެ ހުރިހާ ބޮޑެތި މަގުތަކެއްގައި ތާރު އަޅައިދިނުން
  • ބަނދަރު ބޮޑު ކުރުމާއި ނެރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  • ފުޓްބޯޅަ އަދި ފުޓްސަލް ދަނޑު، ވޮލީ ކޯޓު އަދި އެހެނިހެން ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދިނުން
  • 12 ކްލާސްރޫމް އަދި ސައިންސް ލެބް ގާއިމްކޮށް ސްކޫލް އެއް ދަންފަޅިއަށް ބަދަލު ކުރުން
  • އޭޓީއެމް ބެހެއްޓުން
  • ދަނޑުވެރިކަން ކުރާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުން، ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ރަށުން ލިބޭނެ މަގު ފަހިކޮށްދިނުން
  • ރަށާ އެކަށީގެންވާ ސައިޒުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރުން

ތަރައްގީގެ މަގުގައި އަދުލުވެރިކަން ގާއިމް ކުރައްވާނެކަމާއި އަދުލުވެރިކަމަކީ ނިސްބަތުން ކުރެވޭ ކަމެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އަދުލުވެރިކަމަކީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ދިނުމާއި ސަރުކާރެއް ހިންގުމުގެ ތެރޭގައި މެނިފެސްޓްވާން ޖެހޭ ކަމެއް ކަމަށެވެ. އަދުލުވެރިކަމަކީ ވަރަށް ރަނގަޅަށް ތަރުތީބުވެގެން ފެންނަން ޖެހޭ ކަމަކަށް ވާންޖެހޭއިރު ބޮޑެތި ރަށްތައް ތަރައްގީ ނުކޮށް ދޫކޮށްލަައި ކުދި ރަށްތައް ތަރައްގީ ކުރުމުން ތަރުތީބުގައި އޮޅުމެއް އަރާ ކަމަށެވެ.

މީގެ އިތުރުން މިރޭވެސް މުއިއްޒު ވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން އިތުރު ގިއަރެއްގައި މަސައްކަތް ކުރިއަށް ގެންދިނުމަށް ގޮވާލައްވާފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ކިބައިން އޭނާއަށް ދަސްވެފައި ހުރީ ކަމެއް ކުރަން އެމަނިކުފާނު ވިދާޅުވެއްޖެއްޔާ އެ ކަމެއް ކޮށްދެއްވާނެކަން ކަމަށެވެ. އެހެންކަމުން ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަން ރައީސް ޔާމީންގެ ކިބައިން ޕީޕީއެމް، ޕީއެންސީގެ އެންމެންނަށް ދަސްވެފައި ހުރި ކަމަށެވެ.

މުއިއްޒު ދެއްކެވި ވާހަކައަކީ ހަމައެކަނި ވޯޓު ހޯއްދެވުމަށް ދެއްކެވި ވާހަކައެއް ނޫން ކަމަށާއި މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާތަން އެއްވެސް މީހަކަށް ފެނިފައި ނުހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ދިވެހީންގެ ރާއްޖެ" ސަލާމަތް ކުރުމަށް ލިބޭނެ ހަމައެކަނި ފުރުސަތަކީ މި ރިޔާސީ އިންތިހާބު ކަމަށްވިދާޅުވަމުން، ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދުގައި ސަމާލުކަން ނުދީފިނަމަ މި ގައުމު ގެއްލިގެން ދާނެ ކަމަަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.