މި އަހަރު އުރީދޫ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ ހަތަރު ސީޓީގައި ބާއްވާ މަސް ރޭހުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ބޭއްވި މަސް ރޭހުގައި ޗެމްޕިއަން ކަން ބުޅިކެނޑި ޓީމް ކާމިޔާބު ކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި އުރީދޫ މަސްރޭހުގައި ޖުމްލަ 21 ޓީމް ބައިވެރި ވެފައިވާ އިރު އެ މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ވެސް ދީފައެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރިކޯޑް އަދަދެއް، 1214.25 ޕޮއިންޓާ އެކު ޓީމް ބުޅިކެނޑިއެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފައި ވަނީ 659.05 ޕޮއިންޓާއެކު ޓީމް ލައްޓި އަދި 612.35 ޕޮއިންޓާ އެކު 3 ވަނަ ކާމިޔާބުކޮށްފައި ވަނީ ކުރިބިއަންސް ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައި ވަނީ ބަރުމިނުގައި 25.85 ކިލޯ ގެ ހިބަރެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައި ވަނީ ޗެމްޕިންކަން ހޯދި ބުޅިކެނޑި ޓީމުން ހަސަން އަލީ އެވެ.

އުރީދޫ މަސްރޭހުގެ ކުޅުދުއްފުށި ސިޓީ: އެންމެ ބަރު މަސް ބޭނީ ބުޅިކެނޑި ޓީމުން ހަސަން އަލީ

މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ހިބަރު މަސް ބޭނި ފުރަތަމަ ފަހަރެވެ. ޗެމްޕިއަން ޓީމް ބުޅިކެނޑި 3 ހިބަރު ބާނާފައިވާ އިރު ރަނަރަޕް ޓީމް، ޓީމް ލައްޓި ވެސް 2 ހިބަރު ބާނާފައި ވެއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނާ ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން 2 ވަނަ ހޯދި ލައްޓި ޓީމުގެ އާދަމް ހިލްމީ ހުނަރުވެރިކަމާ އެކު 16 މަސް ބާނާ އެންމެ މޮޅު ކެޔޮޅުގެ މަގާމު ކާމިޔާބު ކޮށްފާވާ އިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބު ކޮށްފައި ވަނީ ދަމާނަގާ ޓީމުން ހަދީޖާ މޫސާއެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް އޮތް ދެ ހަފްތާގައި ކުރިއަށް ދާނެއެވެ. އެ ގޮތުން އައްްޑޫ ސިޓީގައި މި މަހުގެ 18 ގައި މަސްރޭސް ކުރިއަށް ދާއިރު، ފުވައްމުލަކުގައި މަސް ރޭސް އޮންނާނީ މި މަހުގެ 28 ގައެވެ.