700 އެއްހާ މީހުންގެ އާބާދީއެއް އޮތް ނ. މާޅެންދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށް އެ ރަށުގައި ލެބޯޓްރީއެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހް ނ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ ރަށަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަ ފުޅުގައި ވަނީ ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފި ނަމަ އެ ރަށަށް ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވާފައެވެ. އެގޮތުން މާޅެންދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި އިތުރު ބަނދަރެއް ހަދައިދެއްވާނެ ކަމަށެވެ.

ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަދައި އެ ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކޮށް ދެއްވާނެ ކަން ހާމަ ކުރައްވައި، އެ ރަށުގެ މަގުތައް ހަދައި ފެން ހިންދާ ނިޒާމް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދަން ޕްލޭނެއް އެބަ އޮތް ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ފެށުމުން މާޅެންދުއަށް ވެސް ހެޔޮ ނަތީޖާއެއް ފެނިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދައުރުގައި އަޅުގަނޑު ސިޔާސީ މަގްސަދެއް ދެން ކުރާނެ ހަމައެއްކަމެއް ވެސް ނޯންނާނެ. އަޅުގަނޑުގެ މަގްސަދަކަށް ވާނީ، އަޅުގަނޑުމެން ފަށަފައި އެހުރި ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުންނަށް އުފާ އަމާން ދިރިއުޅުމެއް ހޯދައި ދިނުން. އެ ނޫން އެއްވެސް މަގްސަދެއް އަޅުގަނޑުމެންގެ ނޯންނާނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަންނަ ދައުރު ނިމިގެން ފައިބައިގެން ދާ އިރުގައި ދިވެހިރާއްޖެ ފެންނާނީ މުޅިން އެހެން ގޮތަކަށް. މާ އުފާވެރިކޮށް. މާ ބޮޑަށް ތަރައްގީވެފައި އޮތް ތަނެއްގެ ގޮތުގައި. އަމާން ތަނެއްގެ ގޮތުގައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އިރު، އަންނަ ދައުރަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރައްވަން ކުރިމަތިލައްވާ ދައުރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ ދައުރަކަށް އެމަނިކުފާނު ކުރިމަތިލައްވާ މަގްސަދަކީ މި ދައުރުގައި އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް ނިންމެވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެ މަސައްކަތްތައް ނިމުމުން އަމާން ރާއްޖެއެއް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ވެސް މާޅެންދުއަށް ވަނީ ގިން ކަންކަން ކޮށް ދެއްވާފައެވެ. އެގޮތުން އެރަށުގައި އައުޓްޑޯ ޖިމް ގާއިމަކާއި ކުޑަކުދިންގެ ޕާކަކާއި، ވޮލީ ކޯޓެއް ވަނީ އަޅައިދީފައެވެ. މީގެ އިތުރުން އެ ރަށުގެ ސްކޫލް އިމާރާތް ތަރައްގީ ކޮށްފައިވާ އިރު އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކޮށް ފެނަކައާ ހަވާލުކޮށް އެ ހިދުމަތް އެ ރަށުގެ ރައްޔިތުންނަށް އަންނަނީ ފޯރުކޮށް ދެމުންނެވެ.

ކުޑަ އާބާދީއެއް އޮތް މާޅެންދޫ ރައްޔިތުން ކުރާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އަތޮޅު ފެންވަރުގައި "ނަމުރު" ކުޅެން އެންމެ މޮޅު ރަށުގެ ގޮތުގައި އެ ރަށް ފާހަގަކުރެވޭ އިރު، އެ އަތޮޅަށް ބަލާއިރު މާޅެންދޫއަކީ ބަނދަރާ ގުޅިފައިވާ ކުޅިއެއް އޮންނަ ހަމައެކަނި ރަށެވެ.