އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް، މާލެ ސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަކީ ހެޔި ވެރިކަމެއް ކޮށްދެއްވޭނެ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާލުވެއްޖެއެވެ.

އަލީ ޒާހިރު ވިދާޅުވީ، މުއިއްޒު އާ ބައްދަލު ކުރައްވައި ވެރިކަމުގެ ތަސައްވުރު ސާފު ކުރައްވާފައިވާ ކަމަށާއި މުއިއްޒުއާ މެދު އިތުބާރު އެބަ އޮތް ކަމަށެވެ. އޭނާ އަކީ ހެޔޮވެރިކަމެއް ކޮށްދެއްވޭނެ އިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ހުރި ބޭފުޅެއްގެ ގޮތުގައި އަލީ ޒާހިރު ސިފަ ކުރެއްވިއެވެ. އަދި މުއިއްޒުއަށް ތާއީދު ކުރައްވާ ކަމަށާއި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދިވަޑައިގަންންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޒާހިރަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންކަން ކުރައްވާފައިވާ ބޭފުޅެކެވެ. 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެ ޔުނިވާސިޓީގައި ކިޔަވައި ދެއްވާފައި ވާ އިރު މިހާރު ވެސް އެންއެމްޔޫގެ ޝަރީއާ ޑިޕާޓްމަންޓްގައި އަލީ ޒާހިރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މީގެ އިތުރުން އޭނާއަކީ ޖަމިއްޔަތުއް ސަލަފުގެ މުޝްތަޝާރުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަޑައިގަންނަވަނީ އެކި ޖަމިއްޔާ ޖަމާއަތްތަކާއެކު ދީނީ މައުލޫމާތު ފެތުރުއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މުއިއްޒުއަށް އޭނާގެ ތާއީދު އޮތް ކަން ހާމަ ކުރައްވާފައިވާ އިރު، މީގެ ކުރިން ޖުމްހޫރީ ޕާޓީއާއެކު ޖަމިއްޔަތުއް ސަލަފުން ބޭއްވި މަޝްވަރާ ބައްދަލުވުގައި އަލީ ޒާހިރު ބައިވެރިވެވަޑައިގެންފައި ވެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް އަށް އޭނާ ތާއީދު ކުރައްވާ ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަ ކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ކެންޑިޑޭޓް ނަންބަރު 4 އެއްގައި މުއިއްޒު އިންތިހާބަށް ތައްޔާރު ވެވަޑައިގަތުމަށް ވަނީ ކެމްޕެއިން ފައްޓަވާފައެވެ. އެގޮތުން މިއަދު އޭނާ ހއ އަދި ހދ އަށް ދަތުރު ފައްޓަވާފައިވާ އިރު މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.