ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރު ފައްޓަވައި ހއ އަދި ހދ އަށް ފުރާވަޑައިގެންފިއެވެ.
މުއިއްޒު ކެމްޕެއިނަށް އުތުރުގެ އަތޮޅުތަކަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 4 ނަންބަރު ކެންޑިޑޭޓް މޭޔަރު ޑރ. މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. މި ދަތުރުގައި ރަނިން މޭޓްގެ އިތުރުން މުއިއްޒުއާ އެކުގައި ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕް މިދަތުރުގައި ބައިވެރިވެ ވަޑައިގަަންނަވައެވެ.
އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)، ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
އުތުރުގެ ރަށްރަށް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ. ހަނިމާދޫ އާއި ނޮޅުވަރަމް އަދި ކުޅުދުއްފުއްޓަށެވެ. މިއަދު އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔަތިންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އިހްސާސްތަކާއި ކަންބޮޑުވުން އަޑު އައްސަވައި ޖަވާބު ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މިރޭ ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި މާދަމާ މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ. މަކުނުދޫ، ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއަށެވެ. އަދި އޭގެ އަނެއް ދުވަހު ހއ. އުތީމު، ވަށަފަރު، ކެލާ، ބާރަށް އަދި ދިއްދުއަށް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.