އަންނަ މަހު ބާއްވާ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް އިއްޔެ ކެމްޕެއިނަށް ވަޑައިގަތުމާ ދިމާކޮށް، އެ ރަށުގެ އިދިކޮޅު ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ފުލުހުން ގޯސްވެ، އެމްޑީޕީ އަށް އިހުތިޖާޖުގެ ބައިވެރިން ގޯސްވެއްޖެއެވެ.

އިދިކޮޅު ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ވިލިނގިލީގައި ހިނގައިދިޔަ ކުރިމަތިލުންތަކާ ގުޅިގެން ދެ ފަރާތުން ވެސް ވަނީ ވަކިން ދެ ބަޔާނެއް ނެރެފައެވެ. އެގޮތުން:

  • އިދިކޮޅުގެ ބަޔާނުގައިި ބުނީ އިހުތިޖާޖުގެ ބައިވެރިންނާ މެދު ފުލުހުން އަމަލުކުރީ އަނިޔާވެރިކޮށް ކަމަށް
  • އެމްޑީޕީން ބުނީ ހަމަނުޖެހުން ހިންގީ އިހްތިޖާޖުގެ ބައިވެރިން ކަމަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ފުލުހުން މެދުވެރިކޮށް ސަރުކާރުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށާއި، ހަރުކަށި އިބާރާތުން މިކަން ކުށްވެރިކުރާ ކަމަށެވެ. އެ ކޯލިޝަނުން ބުނީ، އިހުތިޖާޖުގެ ތެރެއިން ތިން މީހަކު އަނިޔާވެރިކަމާ އެކު ހައްޔަރުކުރީ އަނިޔާވެރިކޮށް ކަމަށާއި، މިއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ދިވެހިންނަށް ލިބިދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން އަރައިގަތުން ކަމަށެވެ.

އެ ބަޔާނުގައި އިދިކޮޅު ކޯލިޝަނުން ވަނީ، އެއްވެ އުލުމުގެ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލައިފައެވެ.

ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ރައީސްގެ ކެމްޕެއިން ޓީމުގެ ފަރާތުން ބުނީ، އިސްވެ ތިބެ ފުލުހުންނާ ހަމަނުޖެހުން ހިންގީ އެ ތަނަށް އެއްވެ ތިބި އިދިކޮޅުގެ ސަޕޯޓަރުން ކަމަށެވެ. ރައީސްގެ ކެމްޕެއިން ޓީމުން ބުނީ، އިދިކޮޅުން ވަނީ ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަންނަން މަސައްކަތްކޮށް، އެ ސަރަހައްދު ބަލަހައްޓަމުން ދިޔަ ފުލުހުންނާ ކުރިމަތިލާފައި ކަމަށެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ތުހުމަތުކުރާ ގޮތުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ އެ ކޯލިޝަންގެ އިސްބޭފުޅުން އެކަމަށް ހިތްވަރުދިނުމުންނެވެ. ބަޔާނުގައި ވަނީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ސުލްހަވެރިކަމާ އެކު ކެމްޕެއިންކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ހުރިހާ ޕާޓީތަކަށް ގޮވާލައިފައެވެ.

މި ކަމާ ގުޅިގެން އިދިކޮޅުގެ މެޖޯރިޓީ އޮންނަ ވިލިނގިލީ ކައުންސިލުންނާއި "ދަ ޑިމޮކްރެޓްސް" އިން ވަނީ، ރައީސްގެ ދަތުރާ ދިމާކޮށް އިދިކޮޅުގެ އިހުތިޖާޖަށް ހުރަސް އަޅާފައިވާތީ އެކަން ކުށްވެރިކޮށް ބަޔާން ނެރެފައެވެ.