ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހަނގުރާމަ ކުރަމުން ދާތާ 2 އަހަރާ ގާތްވެފައި ވާ މި ދަނޑިވަޅުގައި ރަޝިއާއިން ހަނދަށް ނައްޓާލައިފިއެވެ.
މިއަދު ފުރުވާލި ރޮކެޓަކީ، ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެހީތެރިކަމާ ނުލައި ރަޝިއާއިން ފޮނުވާލި ފުރަތަމަ ރޮކެޓެވެ. ޔޫކްރައިން ހަނގުރާމަ ފެށުމުގެ ކުރިން، ކުރިން އޮތް ސޯވިއެޓް ޔޫނިއަންގެ ދަށުން ހަނދަށް ކުރި ދަތުރާއި އޭގެ ފަހުން ޖައްވީ ސްޓޭޝަނަށް ކުރާ ދަތުރު ތަކުގައި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެހީތެރިކަން ރަޝިއާ އަށް ލިބެއެވެ. ނަމަވެސް ހަނގުރާމަ އާ ގުޅިގެން އެ އެހީތެރިކަން އެ އެޖެންސީން ވަނީ ކަނޑާލާފައެވެ.
800 ކިލޯ ބަރުދަން ހުރި ލޫނާ 25 ގެ ނަމުން ނަންދީފައި އުޅަނދު ހަނދަށް ތިރި ކުރާނީ އިންޑިއާއިން ހަނދަށް ފޮނުވާލި އުޅަނދުވެސް ޖައްސަން ތާވަލު ކޮށްފައިވާ މުއްދަތުގެ ތެރޭގައެވެ. މި ދެއުޅަނދުވެސް ދަނީ، މީގެ ކުރިން އެއްވެސް ގައުމަކުން ގޮސްފައި ނުވާ ހަނދުގެ އަނދިރި ފަރާތަށެވެ.
5 ދުވަސް ތެރޭ ލޫނާ އޯބިޓުގެ ތެރެއަށް ރަޝިއާގެ އުޅަނދު ވަންނާނެ ކަމަށާއި ހަނދުގެ ބިމަށް ފޯރާނެ ކަމަށް އަންދާޒާ ކުރަނީ އޯގަސްޓް 23 ހިސާބުގައެވެ.
މިހާތަނަށް 3 ގައުމަކަށް ހަނދަށް ދެވިފައި ވާ އިރު އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ސޯވިއެޓް ޔޫނިއަން (ރަޝިއާ ހިނެމޭ ބައްރުގެ ގައުމުތައް)، އެމެރިކާ އައި ޗައިނާއެވެ.
ރަޝިއާއިން ހަނދަށް ފޮނުވި މި އުޅަނދު ހަނދުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރާނެ ކަމަށާއި، ހަނދުގެ ބިމުން ވެލީގެ ސާމްޕަލްތައް ނަގާ ތަހުލީލު ކުރާނެ ކަމަށް ބުނެފައި ވެއެވެ. އޭގެ ބޭނުމަކީ ހަނދުގެ ބިންގަނޑު ނުވަތަ ވެލީގެ ތެތް ފިނިކަމާއި ސިފަތައް ދެނެގަތުމާއި މައުދަނާއި ބާވަތްތައް ދެނެ ގަނެ ކުރިއަށް ހުރި ރިސާޗް މަސައްކަތުގައި އެމައުލޫމާތު ބޭނުން ކުރުން ކަމަށް ބުނެފައި ވެއެވެ.
ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ހުޅަނގުން ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވުމުން، ސްޕޭންސް ޓެކްނޮލޮޖީއާއި އެހެނިގެން ސޮފިސްކޭޓެޑް ޓެކްނޮލޮޖީ ލިބުމުގައި ރަޝިއާ އަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ލޫނާ 25 އަކީ ހުޅަނގުގެ ޓެކްނޮލޮޖީ ނެތި އުފެއްދި އުޅަނދަކަށް ވާއިރު، ހުޅަނގުގެ ޓެކްނޮލޮޖީ އާ އެކު އުޅަނދުގެ ބަރުދަން ލުއި ކުރިވިގެން ދިޔައީސް ކަމަށް އެނަލިސްޓުން ބުނެއެވެ.
ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާގެ ގައުމުތައް އޮތް އިރު ހަނދަށް ދިޔުމުގެ މިޝަން ހިންގީ 1976 ގައެވެ.