ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކޮށްދީފި ނަމަ، ނަތީޖާ ނެރެދެއްވައި އުފާ ފާގަތިކަން ގެނެސްދެއްވާނެ ކަމަށާއި، ހުރިހާ ރައްޔިތުން ގެދޮރުވެރިކުރުވައި، ބޯހިޔާވަހިކަމާ ގުޅިގެން އާންމުން ކުރާ ޝަކުވާތަކަށް ނިމުމެއް ގެންނަވާނެ ކަމަށް، އިދިކޮޅު ޕްރޮހްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

"ދިވެހީންގެ ޖަގަހަ"އިގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި ރަސްމީކޮށް ޖަގަހައެއް ހުޅުވައިފައެވެ. މި ޖަގަހަ ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބިނާކޮށް ގައުމައިގެން ކުރިއަށް ދިއުމަށްޓަކައި މިއަދު މި ވަނީ ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހިފައި ކަމަށެވެ.

"ފެންނަނީ ގައުމު އޮޔާދާ މަންޒަރު، ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު، ގައުމުގެ އިސްތިގުލާލު އޮޔާދާ މަންޒަރު، ގައުމުގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފަވާ މަންޒަރު،"
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ، އިދިކޮޅުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާލާނީ އަންނަ މަހު ބާއްވާ މައި އިންތިހާބު ކާމިޔާބުކޮށް، ގާނޫނީ ހަމަތަކުގެ ތެރެއިން ޔާމީން މިނިވަންކުރުމަށް ފަހު ކަމަށެވެ. ޔާމީން ބަންދުގައި ހުންނަވާތާ 1،000 ދުވަސް ހަމަވާން ކައިރިވެފައިވާ ކަމަށާއި ފެންނަނީ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ގޮސް، އެތައް ރައްޔިތަކަށް އަނިޔާދެމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މުއިއްޒު އިންތިހާބުވެވަޑައިގެންފި ނަމަ، އަނިޔާވެރިކަމަށާއި ބަދަލުހިފުމުގެ ރޫހަށް ނޫނެކޭ ވިދާޅުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާ އެކީގައި އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރަކީ އަނިޔާވެރިކަމަށް ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް، ބަދަލު ހިފުމުގެ ރޫހަށް ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް، އެހެންނޫނިއްޔާ މި ގައުމަކަށް ހަމަޖެހުމެއް ނުލިބޭނެ،"
ޑރ. މުހައްމަދު މުއިއްޒު

އަދުލުވެރި އަދި ހަމަހަމަ ސަރުކާރެއް ގާއިމްކުރަން ޖެހޭ ކަމަށާއި، އެކަން ފުރިހަމަ މާނައެއްގައި ފެންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ޖުޑިޝަރީން ފެށިގެން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާ ހަމައަށް މުޅި ސަރުކާރުން އަދުލުވެރިކަމުގެ ސިފަ ފެންނަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރޭ ދެއްކެވި ވާހަކައިގައި މުއިއްޒު މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ ގެދޮރުވެރިކަމުގެ މައްޗަށެވެ. ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގެ ގޮތުގައި ހުންނަވައި ބޮޑެތި މަޝްރޫއުތަކުގެ ފަހަތުގައި ހުންނެވި މުއިއްޒު ފާހަގަކުރެއްވި ގޮތުގައި:

  • މުޖުތަމައުގައި ފެންނަ ހުރިހާ މައްސަލައެއް ވަނީ ގެދޮރުވެރިކަމުގެ މައްސަލައާ ގުޅިފައި
  • އޭނާގެ ސަރުކާރެއްގައި ހުރިހާ ދިވެހިން ގެދޮރުވެރިކުރުވާނަން
  • ގެދޮރުވެރިކުރުވުމުގައި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދޭނަން

މި ސަރުކާރުން ވަނީ ޔާމީން ފެއްޓެވި މަސައްކަތަށް ހުރަސް އަޅާފައި ކަމަށް ވިދާޅުވެ، ވާދަވެރި ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް މުއިއްޒު ފާޑުވިދާޅުވިއެވެ. ވަކިން ހާއްސަ ގޮތެއްގައި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

އެގޮތުން، ސަރުކާރުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރި އިރު ފްލެޓްތަކުގެ ބޮޑު ޕަސެންޓެއް އަދިވެސް އިމާރާތްކުރެވިފައި ނުވާ ކަމަށާއި، އޭގެ ދުވަސްކޮޅެއް ކުރިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރި އިރު ބިން ހިއްކާފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އަދުގެ ސަރުކާރަކީ ޒިންމާދާރުކަން ކުޑަ، ދޯހަޅި ސަރުކާރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ ރައްޔިތަކަށް ސަރުކާރުން ދީފި އެއްޗެއް އަތުލައިގެން ނުވާނެއޭ، ގޯތި ވިޔަސް ފްލެޓު ވިޔަސް ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނެ، އެހެނެއް ނޫން، އަޅުގަނޑުމެން ކުރާނެ ކަމަކީ ހުރިހާ ރައްޔިތުންނަށް، ދެން ވެސް ތިބި ރައްޔިތުންނަށް އެ ގޯއްޗާއި ފްލެޓު ހޯދައިދެވޭނެ މަގުފަހިކޮށްދިނުން،"
ޑރ. މުހައްމަދު މުއިއްޒު

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމު ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް މިގައުމުގަ ހައްލުކޮށްދޭނަން، އެކަން ކުރާނީ ކަން ކުރުމުގެ ވައްޓަފާޅި އާ އެކީގަ އެމަނިކުފާނުގެ (ޔާމީންގެ) ކިބައިން ދަސްވި ގޮތަށް، ހިސާބު ޖަހައިގެން ފައިސާ ހޯދާނެ ގޮތާ އެކީގަ، މުޅި ޕްލޭނާ އެކީގަ،" ޔާމީނަށް ތައުރީފުކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް އޭނާ ފުރަތަމަ އިންތިހާބުވެވަޑައިގަތް ދުވަހުން ފެށިގެން ވެސް، މާލޭގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ރައީސާ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި، ބިން ހިއްކައި، މާލޭ މީހުން އާބާދުކުރާނެ ގޮތުގެ ވާހަކަ ވެސް ރައީސް އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.

"ކަން ކުރާނެ ގޮތް ކިޔައިދިނިން، ގުޅިފަޅު ހިއްކާނެ ގޮތާއި، އެތަނުގަ އެކަން ކުރާނެ ގޮތް ވެސް ކިޔައިދިނިން، ފުށިދިއްގަރުފަޅުގެ ވާހަކަ ވެސް ދެއްކިން، އަދި މާލޭގަ ފްލެޓު އަޅަން ހުރި ބިމުގަ އެކަން ކުރެވޭނެ ގޮތް ވެސް ކިޔައިދީ، އަދި އަޅުގަނޑުމެންގެ ޕްލޭންގެ ތެރެއިން ސިޓީ ކައުންސިލުން ވެސް މަސައްކަތްތަކެއް ކުރެވިފަ ވަނީ މި ކަންތައްތައް ވޭތޯ، ހުރިހާ ކަމެއް ހުއްޓިފަ، ރައީސުލްޖުމްހޫރިއްޔާ އެކަން ހުއްޓުވީ،"
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވަނީ، އޭނާ ވެރިކަމަށް އިންތިހާބުކޮށްފި ނަމަ، ގެދޮރުވެރިކުރުވުމުގެ މައްސަލަ ހައްލުކޮށް، ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައެވެ. މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެންނެވި ނަމަވެސް، އާންމުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށާއި، އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި ރާއްޖޭގެ އިމުން ބައެއް ގެއްލުވާލި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ އިތުބާރު ގެއްލިގެން ދާނެ އިތުބާރަކަށް ނުވާނެޔޭ، ނަތީޖާ ނެރެދޭނަމޭ އިރާދަކުރެއްވިއްޔާ، ނަތީޖާ ނެރެ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.