އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓް ކޮށްފިއެވެ.

އުރީދޫ އިން ބުނީ، ރައްކާތެރިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ހިދުމަތްތަކަށް އެދޭ އިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެން ދިއުމަކީ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ހިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

"އީފާސް އިންޓިގްރޭޝަން އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނަރޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާ ތައް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަން."
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް އަމާރީ ވިދާޅުވީ އީފާސް އިންޓިގްރޭޝަން ޕްލެޓްފޯމްތަކަށް ތައާރަފްކުރުމަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރަން އެ ކުންފުނިން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ޑިޖިޓަލް އައިޑެންޓިޓީ އީފާސް ބަލައިގަންނަން ފެށުމަކީ އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރަން އެ ކުންފުނިން ސަރުކާރާ އެކު ފެށި މުހިއްމު މަސައްކަތެއް ކަމަށެވެ.

އީފާސް ބޭޏުން ކުރުމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމާ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގް އިން ކޮށް ހިދުމަތައް އެދި ހުށަހެޅޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް އީފާސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އުރީދޫގެ ހުރިހާ ހިދުމަތަކަށް ވެސް އެދި ހުށަހެޅޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.